އެދެނީ ތުހުމަތުތަކަށް ޔާމީން ޖަވާބުދާރީވެވަޑައިގަތުން، ނަމަވެސް އެއްބާރުލުން ނުލިބުނު: މަރު ކޮމިޝަން

އެދެނީ ތުހުމަތުތަކަށް ޔާމީން ޖަވާބުދާރީވެވަޑައިގަތުން، ނަމަވެސް އެއްބާރުލުން ނުލިބުނު: މަރު ކޮމިޝަން

Author
ޢަލީ އާދަމް
03 އޮގަސްޓް 2021 07:54
0

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުކުރެއްވީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް އޮޅުންފިލުވުމަށް ކަމަށާއި، ނަމަވެސް ރައީސް ޔާމީން ކޮމިޝަނަށް އެއްބާރުލުން ނުދެއްވި ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

ރައީސް ޔާމީން މިއަދު ކޮމިޝަނަށް ހާޒިރުކުރުމާގުޅޭގޮތުން ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކޮށް ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވިކަމަށެވެ. ނަމަވެސް ކޮމިޝަންގެ ސުވާލުތަކަށް ޖަވާބުނުދެއްވައި ހަނުހުންނެވީ ކަމަށް މިސްބާހް ވިދާޅުވިއެވެ.

މިސްބާހް ވިދާޅުވީ ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށެވެ.

"ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމު އަދާކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން،"

– މިސްބާހް

ކޮމިޝަންގެ ފަރާތުން މިހެން ވިދާޅުވެފައި ވީނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން ތުހުމަތު ކުރަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޔާމީން ހުރަސް އެޅުއްވި ކަމަށް، ނަމަވެސް ހުރަސްއެޅުއްވީ ސީދާ ކޮން އަމަލަކުންކަން ކޮމިޝަނުން ސާފުނުކޮށްދޭ ކަމަށެވެ.

ނަމަވެސް މަރު ކޮމިޝަނުން ކުރާ ތުހުމަތުތަކަށް ރައީސް ޔާމީން ވަނީ ތަހުގީގުގައި އިންކާރު ކުރައްވާފައި ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކުރުން ސިފަ ކުރެވުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ހާމަކުރައްވަފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.