މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހޯދަމުންގެންދަނީ ސ. މަރަދޫ، މީނާޒް، އުމުރުން 36 އަހަރުގެ މައުމޫން ނާޞިރު ކަމަށެވެ.
އޭނާ ހާޒިރު ކުރަނީ ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގަށް މައުމޫން ނާޞިރު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހުގެ 11:00 ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް މައުމޫން ނާޞިރަށް ފުލުހުން ވަނީ އަންގާފައެވެ.