މަރުކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި، ކޮމިޝަނާއި މެދު ރައްޔިތުން ސުވާލު އުފެއްދުމުން އައްޑަނައަކާށް ރައީސް ޔާމީން ހައްދަވާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް މިއަދު ވަނީ އަންގާފައެވެ. މަރުކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވަނީ މ.ޝަނިންސްޓަރ އަހުމަދު ރިޞުވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. ރައީސް ޔާމީން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
މިކަމާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ.ޖަމީލް ވިދާޅުވީ މަރުކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުން ކޮމިޝަނަށް ރައީސް ޔާމީން ހާޒުރިކޮށް، އައްޑަނައަކަށް ރައީސް ޔާމީން ހެއްދެވުމަކީ އިތުބާރު ލިބޭނެ ކަމެއްނޫންކަމަށެވެ. ނިދާފައި އޮތް ކޮމިޝަނެއް ކުއްލިއަކަށް ހޭލައި ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކޮށް ކުރަމުންދާ މަސައްކަތަކީ ޒިންމާދާރު ކުޑަކަމެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް. 3 އޯގަސްޓަށް ރައީސް ޔާމީން މަރުކޮމިޝަނަށް ހާޒިރުވުމަށް މިއަދު އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން RY އަށް އަނިޔާވެރިވުމަށް. 3 އޯގަސްޓަށް RY މަރުކޮމިޝަނަށް ހާޒިރުވުމަށް މިއަދު އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން. pic.twitter.com/7KBsRDgKRU
— Mohamed Jameel Ahmed (@MJameelAhmed) August 1, 2021
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުން މިހާތަނަށް މާބޮޑު ނަތީޖާއެއް ނެރެވިފައިނުވާއިރު، ކޮމިޝަން އުވާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ގޮވާލާފައެވެ. އަދި ކޮމިޝަނަކީ ހަމައެކަނި މުސާރަނަގާ ކޮމިޝަނެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް މިހާތަނަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަން ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.
ކޮމެންޓު ފޮނުވާ