ރާއްޖޭގެ ބާޒާރުގައި ފޯކުގެ އަގު އުފުލި ފޯއް ބަސްތާއެއްގެ އަގު 9،000 ރުފިޔާއަށް އަރައިފި އެވެ.
މާލޭގައި ބަސްތާއިން ފޯއް ވިއްކާ ގިނަ ވިޔަފާރިތަކުން މިހާރު ގަނޑުކޮށް ފޯއް ވިއްކުން ވަނީ މެދުކަނޑާލާފަ އެވެ. 50 ކިލޯގެ ބަސްޓާއެއް 9000 ރުފިޔާއަށް އަގު އުފުލިފައި ވާއިރު، ފޯއްކިލޯއެއް ވަކިން މިހާރު ލިބެން ހުރީ 180 ރުފިޔާއިން މަތީގަ އެވެ.
ޚަބަރު އޮންލައިނާ ވާހަކަދެއްކި ބައެއް ވިޔަފާރި ވެރިން ބުނީ، ފޯކުގެ އަގު އެހާބޮޑަށް އުފުލުނީ އިންޑިއާއިން ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. އެހެންނަމަވެސް ޑޮލަރު ލިބުމުގެ ތާށިކަމާއި ކަޅުބާޒާރުން ޑޮލަރު ގަންނަން ޖެހުންވެސް އަގުބޮޑުވީ ސަބަބުތައްތެރޭ ހިމެނޭކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭ ބާޒާރުގައި ފޯއްބަސްތާއެއް ހުރީ 5000 ރުފިޔާއިން ދަށުގައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ފޯކުގެ އަގު އުފުލި 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގައި ފޯއް ބަސްތާއެއްގެ އަގު ހުރުމަށްފަހު މިހާރު މިވަނީ ވަރަށް ބޮޑުތަން އަގު އުފުލިފައެވެ.
މިއީ ރާއްޖޭގެ ބާޒާރުގައި ފޯކުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ސިއްހަތަށް ގެއްލުންހުރި ކަމެއް ނަމަވެސް ދުފުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ އޮންނަ އާދައެކެވެ. އިންޑިއާއިން އައިސްފައިވާ އާދައެއް ކަމަށްބެލެވޭ މިކަމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ފޯކެވެ. އަދި އިންޑިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ފޯއް އުފައްދާ ގައުމެވެ.
ކޮމެންޓު ފޮނުވާ