ދޮންބިލޭ، ނާޒިމާއި، ރިޔާޒަށް: ބަރުމާގައި އޮންނަ ވައްތަރުގެ ވެރިކަން ދިވެހިން ބޭނުމެއް ނުވާނެ

ދޮންބިލޭ، ނާޒިމާއި، ރިޔާޒަށް: ބަރުމާގައި އޮންނަ ވައްތަރުގެ ވެރިކަން ދިވެހިން ބޭނުމެއް ނުވާނެ

Author
މުޙައްމަދު ޝަޒައިމް
27 ޖުލައި 2021 08:51
0

ބަރުމާގައި އޮންނަ ވައްތަރުގެ ވެރިކަން ދިވެހިން ބޭނުމެއް ނުވާނެ ކަމަށްބުނެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ވެރިކަމަށް އައުމަށް ކުރައްވާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ފާޑުވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށާއި، އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނާޒިމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވައި ވެރިކަމަށް އައުމަށް ކުރައްވާ މަސައްކަތާއި ގުޅިގެން ދޮންބިލޭ ވިދާޅުވީ، ނާޒިމް އާއި ރިޔާޒު ރާއްޖޭގެ ސިޔާސީ ކަންކަމައި ގުޅިގެން ޖައްސަވަނީ މުޅިން ނުބައި ހިސާބެއްކަމަށެވެ. ދިވެހިންގެ ހިތްތަކުން އަދިވެސް ބަޣާވާތުގެ އަސަރު ނުފިލާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަރުމާގައި އޮންނަ ވައްތަރުގެ ވެރިކަން ދިވެހިން ބޭނުމެއް ނުވާނެ. މެމްބަރު ނާޒިމް އަދި މެމްބަރު ރިޔާޒު ތިޔަ ޖައްސަވަނީ ނުބައި ހިސާބެއް. ބަޣާވާތުގެ އަސަރު އަދި ނުފިލާ.

– ދޮންބިލޭ ވިދާޅުވިއެވެ.

އެމްއެންޕީ ތަޢާރަފް ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޑިމޮކްރެޓިކް އުސޫލުން ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށެވެ. އަދި އެ ޕްރައިމަރީގައި ޕާޓިގެ ކޮންމެ ބޭފުޅަކަށްވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޕާޓީގެ މެމްބަރުން އެބޭފުޅާ ޕްރައިމަރީން ހޮވައިދީފިނަމަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ޕާޓީގެ ކޮންގްރެސްއާއި ހަމައަށް އެފުރުސަތު އޮންނާނެ ކަމަށާއި، ޝައުގުވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ބޭއްވޭ ޕްރައިމަރީއިން ޓިކެޓު ލިބިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކާ އެކު ވެސް ހުންނަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.