އެމެރިކާގެ ރައީސް ޖޯ ބައިޑްންއާއި އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަަދިމީއާއި ދެބޭފުޅުންގެ މެދުގައި ވޮޝިންގޓަންގައި ބޭއްވުނު ރަސްމީ ބައްދަލުވުމުގައި، މިހަފްތާގެ ހޯމަދުވަހު، އެމެރިކާ ސިފައިން އިރާގުގައި ކުރިޔަށް ގެންދަމުން އައި އަސްކަރީ ހަރަކާތްތަކަށް ނިމުން ގެންނާނެ ތާރީޚު އެމެރިކާގެ ރައީސް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
އިރާގުގެ ފަރާތްތަކާއެކީ ބޭއްވުނު ސްޓްރެޓެޖިކް ޑައިލޮގްތަކަށް ފަހުގައާއި، އަދި ފަހަކަށް އައިސް، އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ހަގުރާމަވެރި ޖަމާއައްތަކުން އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަލާތަށް އިތުރުވެފައިވަނިކޮށް، އެެރިކާއިން ބުނެފައިވަނީ، އިއުލާން ކޮށްފައިވާ ތާރީޚަކީ، އެމެރިކާއިން އިރާގުގައި ހިންގަމުންއައި، "އަސްކަރީ ހަރަކާތްތަކަށް" ނިމުން ގެނައުމަށް ހަމަޖެހިފައިވާ ތާރީޚު ކަމުގައެވެ.
އިރާގުގެ ބޮޑުވަޒީރު ކަދިމިއާއެކު ވައިޓްހައުސްގައި ބޭއްވުނު ބައްދަލުވުމުގެ ކުރިން ބައިޑްން ވިދާޅުވެފައިވަނީ، އިރާގުގައި އެމެރިކާ ސިފައިން ކުރަންމުންދާ މަސައްކަތްތައް ދެން ބަދަލުވެގެން ދާނީ، މުހިންމު ކަންކަމުގައި ލަފާދިނުމާއި އަދި އިރާގެގެ އަސްކަރިއްޔާއަށް ތަމްރީނު ދިނުމަށް ކަމުގައެވެ.
"އަހަރެންނަށް ލަފާ ކުރެވޭ ގޮތުގައި ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަގަޅަށް. ދެން އިރާގުގައި އަހަރެމެންގެ ދައުރެއްކަމުގައިވާނީ، ތަމްރީންތައް ކުރިޔަށް ގެންދިއުމާއި، އެހީތެރިކަން ފޮރުކޮށް ދިނުމާއި، އަދި އޭގެ އިތުރުން އައިސިސް އިތުރަށް ފާޅުވެގެން އަންނަ ނަމަ އިތުރަށް ކުރަންޖެހޭ ކަންކަން ކުރުން،" ބައިޑްން ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް، އަހަރެމެން މިއަހަރު ނިމުމުގެ ކުރިން ހަގުރާމަވެރި ހުރިހާ ސަރަހައްދަކުން ފައިބާނަން،" ބައިޑްން އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއިން އިރާގުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ނިންމާފައިވި ނަމަވެސް، އިރާގުގައި އެގައުމުން އަދާކުރަމުން ދައުރުވެސް އަދި އެގައުމުތައި ތިބޭ އެމެރިކާ ސިފައިންގެ އަދަދަށްވެސް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެއެވެ.
އެމެރިކާސިފައިން އިރާގުގައި ތިބެނީ، 2014 ވަނަ އަހަރު، އައިސިސްއާއި ހަގުރާމަ ކުރުމަށް، އިރާގުގެ އޭރުގެ ސަރުކާރުން ދިން ދައުވަތަށް ފަހުއެވެ.
މި ބައްދަލުވުމުގައި ބައިޑްން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ހަފްތާތަކުގައި އެމެރިކާއިން އިރާގަށް 500،000 ޑޯޒްގެ ކޯވިޑް19 ވެކްސިން ފޮނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އިރާގުގައި އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ބޭއްވިގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.