ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްއެންޕީން ކާމިޔާބު ކުރާނަން: ނާޒިމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްއެންޕީން ކާމިޔާބު ކުރާނަން: ނާޒިމް

Author
ޢަލީ އާދަމް
26 ޖުލައި 2021 03:48
0

ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްވެ އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އިން ކުރިއަށް އޮތް ރިޔާސީ ނިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އިންތިޚާބު އެމްއެންޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެބަފެނޭ ﷲ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓުން ހުވާކުރައްވާނެ މަންޒަރު،"

– ނާޒިމް

ނާޒިމް ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ނާޒިމް ވެސް ވާދަކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއާއި، އެ ޕާޓީގެ އެހެން އިންތިހާބުތައް ކުރިއަށްގެންދާނީ ދެފުއް ފެންނަގޮތަށް ކަމަށާއި އެކަންކަން ބަަަލައި މޮނިޓާކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ ކަމަށެވެ.

މީގެއިތުރުން ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެ ދައުރަށް ކަމަށް އަސާސީ ގަވައިދުގައި ހިމަނުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެގޮތަށް ޕާޓީގެ އަސާސްތައް ކަނޑައަޅާނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީވެސް ވަކި މީހެއްގެ ފަހަތުން އަބަދުވެސް އެނބުރޭ ޕާޓީތައް ކަމަށާއި އެމްއެންޕީގެ މައިގަނޑު ބޭނުމަކީ އެކަން ނައްތާލުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.