މިއަދު ފަހުބަސް ބުނުމުގެ ޙައްޤު ދިވެހިންގެ އަތުން ވަނީ ގެއްލިފަ: އިދިކޮޅު

މިއަދު ފަހުބަސް ބުނުމުގެ ޙައްޤު ދިވެހިންގެ އަތުން ވަނީ ގެއްލިފަ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 11:22
0

ނަމުގައި އަމިއްލަ ވެރިކަމެއް ކުރިނަމަވެސް، ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ނުވަތަ ކަންކަން ނިންމުމުގެ އެންމެ ފަހު ބަސް ބުނުމުގެ ޙައްޤު ވަނީ ދިވެހިންގެ އަތުން ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންގެ ނަންފުޅުގައި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރިސްކޮށް ފޮނުވި މެސެޖުގައިވަނީ މިއަދުގެ ހާލަތާއިމެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިޤައުމަކީ އަމިއްލަ ބާރު ހިންގާ، އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ޤައުމެއެގެ ގޮތުގައި ކަނޑައެޅިގެން ދިޔަފަހުން، އެ ފަޚުރުވެރި ނިންމުމަށް، ދިވެހިރާއްޖޭގެ "މިނިވަން" ކަމަށް ބުރޫ އަރާނެ އެތައް ކަމެއް ހިނގަމުން ދާތަން މިޤައުމުން ފެންނަމުން ދިޔުމަކީ މިޤައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިންގާ ދަރިންގެ ލޮލުން ކަރުނަ ހިލިގެންދާފަދަ ހިތާމަ ވެރިކަމެއްކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ނަމުގައި އަމިއްލަ ވެރިކަމެއް ކުރިނަމަވެސް، ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ނުވަތަ ކަންކަން ނިންމުމުގެ އެންމެ ފަހު ބަސް ބުނުމުގެ ޙައްޤު ވަނީ ދިވެހިންގެ އަތުން ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ދިވެހި ރައްޔިތުންނަށްވުރެ، މިޤައުމުގައި ދިރިއުޅޭ އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ ޝަރަފާއި ޢިއްޒަތް އިތުރުވެ، ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށް ނިންމާފައިވާ އެތައް ކަމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ޙާލަތަކަށް ޤައުމު ވަނީ ވެއްޓިގެން ގޮސްފަ. ހަމައެއާއެކު، މިޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މިޤައުމުގައި ތަފާތު ދީންތަކަށް ޢަޅުކަން ކުރެވޭ ގޮތަށް، ދިވެހި ރައްޔިތުންނަށްވެސް ދީނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ބައެއްގެ ނުފޫޒާއެކުނަމަވެސް، ސަރުކާރުގެ ތެރެއިން ފަށްޓާފައިވާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފަ.

– އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

މިކަންކަމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތާމަކޮށް ދެކޮޅު ހަދާ ކަންކަމަކަށްވާއިރު، ދިވެހިން އެދެނީ މިޤައުއުމުގެ ފަޚުރުވެރި ކާބާފައިންގެ ބުރަ މަސައްކަތުން މިޤައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ޙާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލު ތަކާއި ހަމައަށް ޤައުމު ގެންގޮސްދިނުމަށްކަމަށް ވަނީ ބުނެފައެވެ. އަދި އެކަން އެ ގޮތަށް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޅްޤައްޔޫމް ވެވަޑައިގަންނަވާނެކަން މިޤައުމަށް ވަނީ ސާބިތުކޮށްދެއްވާފައިކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަން ދެމި އޮންނާނީވެސް އެގޮތުގެ މަތީ ދިވެހި ލޮބުވެތި ރައްޔިތުން އެދޭ ގޮތަށް މިޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ހުރިހާ ކަމަކާއި ދެކޮޅަށް މަސައްކަތް ކުރާ ކޯލިޝަނެއްގެ ގޮތުގައި ކަމުގައި ވަނީ ދަންނަވާފައެވެ. ޤައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ސަރުކާރުން ކުރަމުން ގެންދާ ހުރިހާ ކަމަކަށް ފާރަވެރިވެ، އެކަންކަމާއި ދެކޮޅަށް އަބަދުމެ އަޑު އުފުލާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ލޮބުވެތި ރައްޔިތުނަށް އިދިކޮޅު ކޯލިޝަނުން ވަނީ އަރުވާފައެވެ. އަދި މި ފުރުޞަތުގައިވެސް މިޤައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނާއި މިނިވަން ކަން ގެއްލޭފަދަ ގޮތް ގޮތަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.