މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރި ކޮށްދެއްވައިފި

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރި ކޮށްދެއްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.

މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީންނާއި ބޭރުގެ ގައުމުތަކުން ރާއްޖޭގައި ތިއްބަވާ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންމެ އަހަރެއްގައިވެސް މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދެއެވެ. ނަމަވެސް މިއަހަރު މި ރަސްމިއްޔާތު ބާއްވާފައި ވަނީ ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި އެކަންޏެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *