މީގެ ސޯޅަ އަހަރުކުރިން ފެށިގެން އެމްޑީޕީން ހޯދަން ނިކުތް އެތި އެޕާޓީއަށް މިހާރު އޮޅިފައިވާކަމަށް ވިދާޅުވެ، އެމްޑީޕީގެ އެތެރޭގައި އޮތް ޚިޔާލުތަފާތުތަކަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެމްޑީޕީގެ އެތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދި ޕާޓީ ދެބައިވެފައެވެ. މިގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެބޭފުޅުންގެ މެދުގައިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ. ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށާއި، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެކަމަށް އިޝާރަތްކުރައްވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މީގެ 16 އަހަރުކުރިން އެމްޑީޕީ ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށްވެސް އޮޅިފައިވާކަމށެވެ. އެކަން އެމްޑީޕީގެ އެންމެ އިސް ފަރާތްތަކަށާއި، އާންމު މެންބަރުންނަށްވެސް އެނގޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ 16 އަހަރުކުރިން އެމްޑީޕީ ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށްވެސް އޮޅިއްޖެ. ޔަޤީނުންވެސް 16 އަހަރު ފަހުން މިލިބުނީ ހޯދަން މަސައްކަތްފެށި އެތި ނޫންކަން އެމްޑީޕީގެ މަތިފަޑިން ފެށިގެން ޢާންމު މެންބަރަށްވެސް އެނގޭނެ. ލައްކަ ވާހަކަ.
– ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް
ވެރިކަން ލިބުމުން ވެރިކަން ދިފާއު ކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުއ ަދި އެމްޑީޕީގެ ސީނިއަރ ބޭފުޅެއްކަމަށްވާ، މުޙައްމަދު އަސްލަމް ދެއްކެވި ވާހަތަކައި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ދަނީ އަސްލަމަށް ސޯޝަލް މީޑިއާގައި ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތަހުގީގް ކުރިއަށްދާ ގޮތުންނާއި، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދުވަނީ މިސަރުކާރަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއިވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުވަނީ ސަރުކާރު ކޯލިޝަންއާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާއިއެކު އެމްޑީޕީން ބައިއަތު ހިފުމަކީ ޤައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނަގޅު ގޮތްކަމަށްވެސް ވިދާޅުވެފައެވެ.
One Response
އެމީހުންއުޅުނީ މިރާއްޖެ ލާދީނީކުރަން އެކަންނުވެގެން އެސޮރު މޮޔަވެގެންއުޅެނީ