43 އަހަރަށް ފަހު ސީޝެލްސްގެ ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބު: ނައިބު ރައީސަކަށް އަޙްމަދު އަފީފް

43 އަހަރަށް ފަހު ސީޝެލްސްގެ ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބު: ނައިބު ރައީސަކަށް އަޙްމަދު އަފީފް

Author
ޢަލީ އާދަމް
25 އޮކްޓޯބަރ 2020 01:35
0

ރާއްޖޭގެ ދެކުނުގައި އުފެއްދި ޔުނައިޓެޑް ސުވައިދީބު އައިލެންޑްސްގެ ރައީސް ޢަބްދުﷲ އަފީފުގެ ދަރިކަލުން އަޙްމަދު އަފީފު ސީޝެލްސްގެ ނައިބު ރައީސް ކަމަށް އިންތިހާބު ވެއްޖެއެވެ.

ސީޝެލްސްގައި އިއްޔެ ނިންމާލި އިންތިހާބު ކާމިޔާބު ކުރީ އެގައުމުގެ އިދިކޮޅު ޕާޓީންނެވެ. އިދިކޮޅު ލީޑަރު، ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް އެލް.ޑީ.އެސްގެ ވެވެލް ރަމްކަލަވާންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކޮށް އަޙްމަދު އަފީފު ނައިބު ރައީސަކަށް އިންތިހާބު ވީ 54.9 އިންސައްތަ ވޯޓުންނެވެ. އަޙްމަދު އަފީފު މިހާތަނަށް ހުންނެވީ ސީޝެލްސްގެ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގަ އެވެ.

ސީޝެލްސްގެ އިންތިހާބީ ރައީސާއި ނައިބު ރައީސް

ސީޝެލްސްގައި މިހާރު ވެރިކަންކުރާ ޕާޓީ ޔުނައިޓެޑް ސީޝެލްސް ޕާޓީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް ޑެނީ ފޯރއަށް ލިބިވަޑައިގެންނެވީ 43.5 އިންސައްތަ ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 74،634 މީހުންނަށެވެ. އިންތިހާބުގައި ޖުމްލަ ތިން ކެނޑިޑޭޓުން ވާދަކުރިއެވެ. ޔުނައިޓެޑް ސީޝެލްސް ޕާޓީ އަކީ 1977 ވަނަ އަހަރުންފެށިގެން އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ޕާޓީއެވެ.

43 އަހަރު ވެރިކަމުގައި އޮތް ޔުނައިޓެޑް ސީޝެލްސްއަށް ކުރިމަތިވީ ނާކާމިޔާބުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އެގައުމުގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހީނަރުކަމެވެ.

އިދިކޮޅު ޕާޓީގެ ރަނިންމޭޓުގެ ގޮތުގައި އަޙްމަދު އަފީފު، ނައިބު ރައީސްކަމަށް ހޮވުނު އިރު އޭނާގެ ބޭބެ މުޙައްމަދު އަފީފަކީ ވެރިކަން ކުރާ ޕާޓީގެ އިސްބޭފުޅެކެވެ. އެގޮތުން މުޙައްމަދު އަފީފް ހުންނެވީ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒްގެ މަގާމުގައެވެ. އަދި މިދެބޭފުޅުންގެ ބޭބެ އިބްރާޙިމް އަފީފަކީ ސީޝެލްސް މީޑިއާ ކޮމިޝަންގެ ރައީސްއެވެ. އެ ގައުމުގެ ރައީސް ޑެނީ ފޯރގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މުޙައްމަދު އަފީފް ވަނީ މިދިޔައަހަރު ޖުލައި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މުޙައްމަދު އަފީފް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ އަފީފުގެ ސުވައިދީބު ސަރުކާރު ރޫޅާލުމާއިއެކު އިނގިރޭސީންގެ ހިމާޔަތުގައި އާއިލާއާއިއެކު އަބްދުﷲ އަފީފު ސީޝެލްސްއަށް ގެންދަވާ އެ ގައުމުގައި ވަޒަންވެރިކުރުވީ 1963 އަހަރުއެވެ. އޭރު ތިއްބެވީ އަނބިކަނބަލުންނާއި ދޮށީ ތިން ދަރިކަލުންނެވެ. އެއީ އިބްރާހީމް އަފީފާއި މުޙައްމަދު އަފީފާއި ޑރ. ހުސެއިން އަފީފެވެ. އަމީނާ އަފީފާއި އަޙްމަދު އަފީފާއި ސާރާ އަފީފު ލިބިވަޑައިގަތީ ސީޝެލްސް އަށް ވަޑައިގެންނެވި ފަހުން އެގައުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.