މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު ޣައިރު ދީނެއްގެ "އަޅުކަމެއް" ކޮށް މިސްކިތުގައި ހުރުމަތްކެނޑުމަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމަކަށްވުމީ ދުރުކަމެއް ނޫން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.
މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު "މެޑިޓޭޝަން"ގައި އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ޢަމަލެއް ހިންގުން މިއީ ކުޑަކަމެއް ނޫން ކަމަށާއި ﷲ ގެ ގެކޮޅަށް ފުރައްސާރަކުރާ މިފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"މިވެރިކަމުގައި ތަކުރާރު މިވަނީ އެކި ގޮތްގޮތުން އިސްލާމްދީނަށް ގޮންޖެހުން."
– ޑރ. ޖަމީލް
އަދި އެކިއެކި ގޮތްގަތުން އިސްލާމްދީނަށް ގޮންޖެހުމުގެ ޢަމަލުތަކަކީ އިއްތިފާޤެއް ނޫން ކަމަށާއި ހީލަތްތެރި ރޭވުމެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ހުކުރު މިސްކިތުގައި ޣައިރު ދީނެއްގެ އަޅުކަމެއްގެ ހަރަކާތްތައް ކުރަން އިން މީހާ އިނީ ޔޯގާ ކަސްރަތު ކުރާ މީހުން އިށީންދެގެން ތިބޭ ފަދަ ގޮތެކެވެ. މެޑިޓޭޝަން އަކީ ބުދު ދީނުގެ ހާމުދުރުންނާއި ހިންދޫ ދީނުގެ ގުރޫންގެ ފަރާތުން ދީނީ އަޅުކަމެއްގެ ގޮތުގައި ފެށިގެން އައި ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ދީނީ ކަމެއްގެ ގޮތުގައި ނުބަލައި މިކަންކުރާ އެކި ދީންތަކުގެ މީހުން ވަނީ އިތުރުވެފައެވެ.
ވީޑިއޯ އާންމުވުމާއި އެކު އެމައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަބަޔަކު ގެންދަނީ އެކިއެކި ޕްލެޓްފޯމުތަކުގައި އަޑުއުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ