ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ހަނިމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން، އެރަށުގެ ބައެއް ރައްޔިތުންނާއި ޖަމިއްޔާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އުތުރުގެ 3 ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަހު މަންޒިލަކަށް ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ބައެއް މީހުންގެ ބޮޑު ކަނބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވޭ ހަނިމާދޫ އެއަރޕޯޓަށް އަލަށް އިތުރުކުރެވޭ ބިމުގެ މައްސަލާގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމައި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދި މި އެއަރޕޯޓާ ގުޅިގެން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގައި ވިދާޅުވެފައެވެ.
އަދި ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ޤަބޫނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޢާންމުފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމްއެންޑީއެފަށް ބިން ޚާއްޞަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ޚާއްޞަކުރާ ބިމާމެދުކަން މި ބައްދަލުވުމުގައި ވަހަކަދެއްކި ޢާންމު ފަރާތްތަކުން ފާހަގަކުރިއެވެ. އެގޮތުން އެފަރާތްތަކުން ވަނީ އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާގޮތް ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ޙިއްޞާކޮށް މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅިގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ޚާއްޞަކޮށް އެމްއެންޑީއެފްއަށް ޚާއްޞަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ޚާއްޞަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތަށް ރަށުގެ ބިމުން ބޮޑުބިމެއް ބޭނުންވާކަން ސަރުކާރުން އެންގުމާއެކު އެކަމާމެދު ރައްޔިތުންގެ ބޮޑު ނުތަނަވަސްކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއެއަރޕޯޓް އިންޑިއާގެ އެހީގައި އެގައުމުގެ ކުންފުންޏަކުން ތަރައްޤީކުރުމަށް ނިންމި ހިސާބުން އެއީ އެއެއަރޕޯޓުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ސަރުކާރުން ހިންގާ ކަމެއްކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ