ރައީސްއަށް މަރުޚަބާ ކިޔުމަށް، ގިނަބަޔަކު އެއްތަންނުވާނެ ގޮތަކަށް އިންތިޒާމު ކުރުމަށް ދަންނަވައިފި

ރައީސްއަށް މަރުޚަބާ ކިޔުމަށް، ގިނަބަޔަކު އެއްތަންނުވާނެ ގޮތަކަށް އިންތިޒާމު ކުރުމަށް ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 11:39
0

އުތުރުގައި އުފެއްދި ފުރަތަމަ ސިޓީ ހިމެނޭހެން 3 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ގިނަބަޔަކު އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް ރައީސް އޮފީހުން ދަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވީނަމަވެސް، ކޯވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ދެންނެވިފައިވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދުން ފެށިގެން މިމަހުގެ 18 އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީ، އަދި އެއަތޮޅު ހަނިމާދޫގެ އިތުރުން ކުމުންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ އެވެ. އެގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ޒިޔާރަތްކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.