މިސަރުކާރުން ދީނާއި ޚިލާފް ހުރިހާކަމެއް ހުއްދަކުރުމުގެ ބިރު ބޮޑުވެއްޖެ: ޝުޖާ

މިސަރުކާރުން ދީނާއި ޚިލާފް ހުރިހާކަމެއް ހުއްދަކުރުމުގެ ބިރު ބޮޑުވެއްޖެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 09:17
0

ހުޅުމާލޭގައި ފާޅުކަންބޮޑުކޮށް ހިންގި ރޭޕްކޭސްއަކީ އެއްވެސް މައްސަލައެއްކަމަށް މިސަރުކަރަށް ނުވުމުން ދީނާ ޚިލާފް ހުރިހާ ކަމެއް ދާދިއަވަހަށް ހުއްދަ ވުމުގެ ބިރު އެބައޮތްކަމަށް ޕީއެންސީގެ ނައިބްރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. މިފަދަ ބޮޑު ފާޚިޝް އަމަލެއް މިސަރުކާރަކަށް މައްސަލައަކަށް ނުވުމަކީ ދެވޭ ވަރަށް ނުބައި މެސެޖެއް ކަމުގައި ޝުޖާ ވިދާޅުވިއެވެ.

މިކަމަކީ ރައްޔިތުންނަށް ނުހަނުބޮޑު ކަންބޮޑު ވުމަކަށްވާއިރު، އިސްލާމްދީނާއި ޚިލާފް އެތައްކަމެއް އާންމުވެ ހުއްދަ ވުމުގެ ބިރުވެސް މިއަދު އޮތްކަމަށް ޝުޖާ ވިދާޅުވިއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސީ ގޯނާއާއި ފުރައްސާރައަކީ މުޖުތަމައުގައި އާންމުވެ ވޮޑު ފަސާދައަކަށްވުމުގެ ފުރުސަތު ބޮޑުވެދާނެކަމުގެ ބިރުވެސް މިކަމުގެ ސަބަބުން ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މިވަރުންދާކަމުގައި ވާނަމަ ރާއްޖޭގައި ރޭޕް އާންމުވެ، އެއްޖިންސުން ގުޅުން ހިންގުން އާންމުވެ، ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެ އާންމު ކަމަކަށްވެދާނެ. މިހާ ވަރިހަމަ ސަރުކާރެއްގައި ހުރިހާކަމަކީ ހުއްދަ ކަމަކަށްވުން ވަރަށް ގާތް.

– އިބްރަހިމް ޝުޖާ

ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްވެސް އާންމު ވިއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.