ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސައިން އިސްމާއިލް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝިހާބު (ދަމާސް ޝިހާބު) އައްޔަން ކުރައްވައިފި އެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް އައްޔަންކުރެއްވި ޙުސައިން އިސްމާޢީލް އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާ އިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ސްޓޭޓް މިނިސްޓަރަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ޙުސައިން އިސްމާޢިލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަންއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތައްވެސް ޙުސައިން އިސްމާޢީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މުޙައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި ޝިހާބު ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ވެސް ޝިހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ