ނަޝީދު މި ވެރިކަމާމެދު ހިތްހަމަ ނުޖެހޭ ކަމަށް ގަބޫލުކުރާނީ ތާއީދު އަނބުރާ ގެންދިއުމުން: ޝުޖާއު

ނަޝީދު މި ވެރިކަމާމެދު ހިތްހަމަ ނުޖެހޭ ކަމަށް ގަބޫލުކުރާނީ ތާއީދު އަނބުރާ ގެންދިއުމުން: ޝުޖާއު

Author
ޢަލީ އާދަމް
15 ޖުލައި 2021 07:38
0

ރައީސް ނަޝީދު މިވެރިކަމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ގަބޫލުކުރާނީ މިވެރިކަމަށް ކުރައްވާ ތާއީދު އަނބުރާ ގެންދިއުމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އަދުގެ ސަރުކާރާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، އިދިކޮޅު ޕާޓީއާއި އިދިކޮޅު ލީޑަރާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވާފައި ވާ ދަނޑިވަޅެއްގައި ޝުޖާއު ވިދާޅުވީ، އަދުގެ ސަރުކާރާއި ވެރިކަމަކީ ހަމަ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ.

އަދި މިވެރިކަން ހިނގަނީ ތިމަންނަމެން ބޭނުން ވާގޮތަކަށް ނޫނޭ ބުނެ އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

"މިފަހަރު ތިހެން މޮޅު ގޭމު ކުޅެން ފުރުސަތެއް ނެތް. ބޯދަމައިގަންނަން ތިހެންނޫޅުއްވާ. ވެރިކަމަށް އާދެވޭ ކޮންމެ ފަހަރަކު ޤައުމަށް ގައްދާރުވާ ބައެއްގެ ގޮތުގައި ރައްޔިތުން މިއަދު ގަބޫލްކުރޭ!"

– ޝުޖާއު

ރައީސް ނަޝީދުގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ފަހިވާގޮތަށް ވާހަކަ ދައްކަވާފަ އެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގައިވެސް އަދި ޕީޕީއެމްގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެމްބަރުން އެބަތިބި ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ކޯލިޝަން ހެދުމުގެ ވިސްނުން އެމްޑީޕީން ގެންގުޅުނު ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ އެފަދަ ކޯލިޝަނެއް ހެދުމުގެ އެއްވެސް މަގެއް ނެތްކަމަށެވެ. އަދި އެމްޑީޕީއާއި ރައީސް ނަޝީދަކީ ޕީޕީއެމްއާއި ދިމާ އިދިކޮޅު ސިޔާސަތުތަކެއް ގެންގުޅޭ ބައެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.