އަފްއާނިސްތާން ޕާކިސްތާނު ބޯޑަރުގެ މުހިން ސަރަހައްދެއް ހިފާ، ބޯޑަރުގައި ތާލިބާނުންގެ ދިދަ ނަގައިފި

އަފްއާނިސްތާން ޕާކިސްތާނު ބޯޑަރުގެ މުހިން ސަރަހައްދެއް ހިފާ، ބޯޑަރުގައި ތާލިބާނުންގެ ދިދަ ނަގައިފި

Author
ހުސެއިން
15 ޖުލައި 2021 06:36
0

އަފްއާނިސްތާނުން ޕާކިސްތާނަށް ދަތުރު ކުރަން އޮންނަ މުހިންމު ބޯޑަރ ކްރޮސިންގއެއް ތާލިބާނުންގެ ބާރުގެދަށަށް ގެނެސް، މި ބޯރޑަރ ޕޯސްޓުގައި ތާލިބާނުންގެ ދިދަ ނަގައިފިއެވެ.

އަދި، އަފްއާނިސްތާނުން ޕާކިސްތާނަށް ހުރަސްކުރަން އޮންނަ ބޯޑަރުގެ މިމުހިންމު ސަރަހައްދު މިހާރުވަނީ އެމީހުންގެ ބާރުގެ ދަށުގައިކަން ތާލިބާނުންވަނީ އިއުލާން ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަންދަހާރުގެ ކަރިން ބޯޑަރ ހުރަސްކުރަން އޮންނަ ސްޕިން ބޯލްޑެކް ޑިސްޓްރިކްޓް މަތިން ހުދު ދިދައެއް ވިހުރެމުންދާތަން ވަނީ ފެނިފައެވެ.

އެހެންނަމަވެސް، އަފްއާނިސްތާންގެ އޮފިޝަލުން މި މުހިން ޕޯސްޓު ތާލިބާނުންގެ ބާރުދަށް ގޮސްފައިވާކަން ދޮގު ކޮށްފައިވިނަމަވެސް، ބައެއް ވީޑިއޯތަކުން މިސަރަހައްދުގައި ހަގުރާމަވެރިން ހަރަކާތްތެރިވާ ތަނާއި އަދި ހަގުރާމަވެރިން ޕާކިސްތާނުގެ ބޯޑަރ ގާޑުންނާއި ވާހަކަ ދައްކާ މަންޒަރުވެސް ވަނީ ފެނިފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ތާލިބާނުން މި ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ، އަފްއާނިސްތާނު ސިފައިންނާ އެއްވެސް ވަރެއްގެ ކުރިމަތި ލުމަކާ ނުލައެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، ތާލިބާން ހަގުރާމަވެރިންވަނީ، އަފްއާނިސްތާނުގެ ބޯޑަރުގެ މުހިންމު ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެތެރޭގައި، އިރާން، ތަޖިކިސްތާން އަދި ތުރުކުމެނިސްތާންއަށް ހުރަސް ކުރަން އޮންނަ އަފްއާނިސްތާން ބޯޑަރުގެ މުހިންމު ސަރަހައްދުތައް ހިމެނެއެވެ.

ތާލިބާނުން، އަފްއާނިސްތާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން މިދަނީ، އެގައުމުގައި ހަރަކާތްތެރިވަމުން އައި އެމެރިކާ ސިފައިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11ގެ ކުރިން އެގައުމުން ބޭލުމަަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ނިންމަވާފައިވާ ނިންމެވުމާއި އެކު، އެތާރީޚުގެ މާކުރިން އެމެރިކާ ސިފައިން އެގައުމުދޫކޮށް ދާން ފަށާފައި ވަނިކޮށެވެ.

އަދި ފަހަކަށް އައިސް ތާލިބާނުންވަނީ، އަފްއާނިސްތާނުގެ މުހިންމު އެހެން ބައެއް ސިޓީތައްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މީގެތެރޭގައި އަފްއާނިސްތާނުގެ ބޮޑެތި ސިޓީތަކަށް ސަޕްލައި ފޯރުކޮށް ދިނުމަށް ބޭނުންކުރާ ބައެއް ސިޓީތައްވެސް ހިމެނެއެވެ.

ތާލިބާނުން އެމީހުންގެ ބާރުގެ ދަށަށް އެންމެ ފަހުން މިގެނައި ބޯޑަރ ކްރޮސިންގއަކީ، ކަންދަހާރުގެ ސްޕިން ބޯލްޑެކް އަވަށް އަފްއާނިސްތާން ފަޅީގައި އޮވެފައި، ބޯޑަރުގެ އަނެއް ފަޅީގައި ޕާކިސްތާނުގެ ޗަމަން ޓައުން އޮންނަ ބޯޑަރ ކްރޮސިންއެވެ.

އަދި މިއީ ދެގައުމުގެ ދެމެދުގައި ދަތުރުކުރުމަށް ބޭނުން ކުރެވޭ، ކާރޫބާރޫ ދެވަނައަށް އެންމެ ބޮޑު ބޯޑަރ ކުރިސިންގއެވެ. އަދި މި ބޯޑަރ ކުރޮސިންގއަކީ އަފްއާންގެ ކަންދަހާރު ސިޓީއާއި ޕާކިސްތާނުގެ ޕޯޓުތަކާ ގުޅުވާދޭ ކްރޮސިންގވެސްމެއެވެ.

މިގޮތުން މި ސަރަހައްދު ހުރަސްކޮށް ކޮންމެ ދުވަހަކުވެސް ދެގައުމުގެ ދެމެދުގައި 900 އެއްގަމު އުޅަދު ދަތުރު ކުރެއެވެ.

އިސްލާމީ ހަރުކަށި އުސޫލުތަކަށް ތާއިދުކުރާ، ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމުން ދުރުކޮށްފައިވަނީ، މީގެ 20 އަހަރު ކުރިން އެމެރިކާ ސިފައިން އަފްއާނިސްތާނަށް އަރާ ކުރި ހަގުރާމައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.