ރާއްޖެގައި ގިނައިން ފެންނަމުންދަނީ، ސިޔާސީ ދެބަސްވުން އުފެދި، އޭގެ ހައިޖާނުގައި މިތުރުން ހަތުރުންނަށް ވެގެންދާތަން

އެއް އުރައެއްގައި ދެ ކަނޑިއަކަށް ނުއޮވެވޭނެ! އިޢާދަ ވަމުންދަނީ ތާރީޚު!

އެއް އުރައެއްގައި ދެ ކަނޑިއަކަށް ނުއޮވެވޭނެ! އިޢާދަ ވަމުންދަނީ ތާރީޚު!

މިވަގުތު ރާއްޖޭގައި އޮތީ ކޯލިޝަންގެ ވެރިކަމެކެވެ. އެއީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައި 4 ލީޑރުން އެކުލެވޭ ކޯލިޝަނެވެ. އެ ކޯލިޝަން އެކުވެގެން، މުޅި ދައުލަތުގެ ތެރެއަށް މޫލާފަ އޮތް، ރައީސް ޔާމިންގެ ވަރުގަދަ ވެރިކަން ނިމުމަކަށް ގެނައިވެސްމެއެވެ.

ރައީސް ޔާމިންގެ 5 އަހަރުދުވަހުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ، މިހާރު ވެރިކަމުގައި އޮތް ކޯލިޝަންގެ ލީޑަރުންވެސް ހިމެނޭ ގޮތުން، އޭރުގެ ސަރުކާރާ ޚިޔާލު ތަފާތު ސިޔާސީ އެތައްބަޔަކު އެއްގަލަކަށް އެރިއިރު، އޭރުވެސް ގިނަބަޔަކު ގަބޫލު ކުރި އެއް ހަގީގަތަކީ، ކޯލިޝަނެއް އެކުލަލާލެވުނު ނަމަވެސް، އެ ކޯލިޝަންގެ ތެރޭގައި ތިބީ ޚިޔާލާތާއި، ފިކުރުގެ ގޮތުން އިންތިހާއަށް ތަފާތު ބޮޑު، އަދި އެކި ޒަމާންތަކުގައި، ސިޔާސީ ގޮތުން އެތަކެއް ތެޅުންތަކެއް ތަޅާ، މާޒީގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އިންތިހާއަށް ހަތުރުވެރިކަން އިސްކޮށްފައި ތިބި، އެހެންނަމަވެސް، ފަހުން ސިޔާސީ ޕާޓްނަރުންނަށްވެ، އެއްގަލަކަށް އަރުއްވައިގެން ތިއްބެވި ލީޑަރުންތަކެއް ކަަމެވެ.

އަދި މި ހުރިހާ ލީޑަރުންގެ ފަހަތުގައި ތިބި ޕާޓީތަކުގެ މެމްބަރުންނާ ސިޔާސީ އެކްޓިވިސްޓުންނަކީވެސް، ފިކުރުގެ ގޮތުން އެއްޕާޓީ އަަނެއް ޕާޓީގެ މެދުގައި ހުރި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއެކު، ވިސްނުމާއި ފިކުރުގެ ގޮތުން އިންތިހާއަށް ބޮޑެތި ތަފާތުތައް ހުރި ބައެކެވެ. ނަތީޖާއެއްގެ ގޮތުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ކިތަންމެ ބޮޑެތި އަހުދުތަކާއި ވައުދުތަކެއް ވެގެން އިއްތިޙާދެއް އެކުލަވާލެވުނު ނަމަވެސް، އޭރު ގިނަ ބަޔަކު ގަބޫލުކުރީ، ރިޔާސީ އިންތިޚާބަށްފަހު އެކޯލިޝަން ދެމި ނޯންނާނެ ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ލީޑަރުން

އެއް ޕްލެޓްފޯމެއްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަމުގައިވި ނަމަވެސް، ވެރިކަމުގެ ދައުރު ހަމަ ފެށުމާއެކު، އެއްބަޔަކު އަނެއްބަޔަކަށް ކަރުގައި ހިފާ، ކޯލިޝަން ރޫޅާލާ، ވެރިކަމަކީ އެންމެ ބޮޑު ޕާޓީގެ އަމިއްލަ މިލްކަކަށް ހަދާނެކަމަށް ގިނަބަޔަކު ދިޔައީ ގަބޫލު ކުރަމުންނެވެ.

ސަބަބަތަކެއް ނެތިއެއް ނޫނެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީގައި ފާއިތުވެދާ 14 އަހަރުގެ ތެރޭގައިވެސް ރާއްޖެ ކޮށްފައިވީ ތަޖުރިބާއަކީ އެއީއެވެ. 2008 ވަނަ އަހަރު އެންމެ ފުރަތަމަ އައީ އެމްޑިޕީގެ ކޯލިޝަން ވެރިކަމެވެ. ވެރިކަން ފެށިގެން މާގިނަ ދުވަހެއް ނުވެއެވެ. ކޯލިޝަން ހުރިހާ ޕާޓްނަރުން ދުރަށްލާ، ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރަކަށް ބަދަލު ކޮށްލީއެވެ. ދެން އައީ، ރައީސް ވަހީދުގެ ވެރިކަމެވެ.

އެހެންނަމަވެސް، އެއީ ވެވުނު ވައުދުތަކެއްގެ މައްޗަށް އިންތިޚާބުވެގެން އައި ވެރިކަމަކަށް ނުވާތީ އެ ސަރުކާރުގެ ވާހަކަ ބާއްވަމާތޯއެވެ.

އެއަށްފަހު އައީ ރައީސް ޔާމިންގެ ވެރިކަމެވެ. ތާރީޚް ވީ އިޢާދައެވެ. ވެރިކަމަަށް ދޮޅު އަހަރުވެސް ނުވަނީސް، ކޯލިޝަންގެ ހުރިހާ ޕާޓްނަރުން ދުރަށް ދިޔައެވެ. އަދި އެވަރުންވެސް ފުދުނީއެއް ނޫނެވެ. ރައީސް ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވި ރައީސް މައުމޫންއާއި ރައީސް ޔާމިންއާއި ދެބޭފުޅުންގެ މެދުގައި ކޯޅުން އުފެދި، މައްސަލަތައް ހައްލުނުވެ، އެންމެފަހުން ރައީސް މައުމޫން ސަރުކާރާ ދުރަށް ޖެހިވަޑައިގެން، ކުރީގެ ސިޔާސީ ވާދަވެރިންނާއެކީ ކޯލިޝަނެއް ހައްދަވާ، ރައީސް ޔާމިންގެ ސަރުކަރާ ދެކޮޅަށް މަސައްކަތް ފެއްޓެވީއެވެ.

ނަތީޖާތައް ނުކުތީ އޭގެ ކުރިން ބަޔަކު ހީވެސް ނުކުރާހާ އާދަޔާ ޚިލާފް ގޮތަކަށެވެ. ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ސިޔާސީ ދެކޮޅުވެރިކަން ދާއިމީ ފިތުނައަކަށް ބަދަލުވެ، އެންމެ ފަހުން ރައީސް ޔާމިން، ބޭބޭފުޅު، ރައީސް މައުމޫން ޖަލަށްވެސް ލެއްވީއެވެ. އަދި އޭގެފަހުން ރައީސް މައުމޫން ދޫ ނުދެއްވާ ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިންގެ ވެރިކަންވެސް ބަދަލުވެ، އެންމެ ފަހުން ޚިޔާނާތުގެ ކުށުގައި ރައީސް ޔާމިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައި ގެންނެވީއެވެ.

 

ދެބޭފުޅުންވެސް ވެރިކަމުގެ ހުވަފެން! އެއް އުރައެއްގައި ނުތިބެވޭނެ!

ރައީސް ޔާމީނާއި ރައީސް މައުމޫނުގެ ސިޔާސީ ކޯޅުންތައް މާޒީވެ ދިޔައީއެވެ. އަދި އެދުވަހުގެ ހާދިސާތަކަށް، ފަހަތަށް އެނބުރި ދުރުމީ އަޅާ މިއަދު ބަލާލާއިރު، ކަމުގެ ހަގީގަތް ދެނެ ތިއްބެވި ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި، އަދި ކަމުގެ ހަގީގަތް އޮތް ގޮތަކީވެސް، ދެބޭފުޅުންގެ ދެމެދުގައި ޖެހުނުހާ މައްސަލަތަކެއްގެ އަސްލަކީ، ވެރިކަމުގެ ދަހިވެތިކަމާއި، އާރާބާރު މުށުތެރެއަށް ލެއްވުމަށް ދެބޭފުޅުން ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެންފުޅުތަކެވެ.

ރައީސް ޔަމީންއާއި ރައީސް މައުމޫން: ދެބޭފުޅުންވެސް ބޭނުންފުޅުވީ ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށް

ރައީސް ޔާމިން ދެވަނަ ދައުރަކަށް ކުރައްވަމުން ގެންދެވި އުއްމީދުތަކާއި، އެމަގަށް ދުރާލާ މަސްރަހު އަމާން ކުރެއްވުމަށް ބޭނުންފުޅުވި ވުމެވެ. އަދި ހަމަ އެބީދައިން، ރައީސް މައުމޫނު އެމަނިކްފާނުގެ އަމިއްލަފުޅު ބޭފުޅުން މަތީ މަގާމްތަކަށް ގެންނެވުމަށް، ނުވަތަ، އަމިއްލަފުޅު ބޭފުޅުން ވެރިކަމަށް ފައްކާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ.

މިހުރިހާ ހަގީގަތްތަކެއް މިގޮތަށް ހުރެމެ، އެވެރިކަމުގައި އެނގި ކަށަވަރުވެގެން ދިޔަ ހަގީގަތަކީ، ވެރިކަމަށް މުޑި ނަންގަވަން ފެއްޓެވީމާ، އޮންނަ އާއިލީ ގުޅުމާއި، އެކުވެރި ރަހުމަތްތެރިކަގެ ގުޅުމަކީ އަގެއް ނެތް އެއްޗަކަށް ވެގެންދާ ކަމެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ސާބިތުވެގެން ދިޔައީ، މި ހަގީގަތުގެ މައްޗަށް ގާއިމްވެގެންދިޔަ އެންމެ ވަރުގަދަ ހުއްޖަތްތަކެވެ. އެމަނިކުފާނުގެ ވެރިކަމަށް ނުރައްކަލަކަށް ވެގެން ދިޔައީމާ، އެއްބަފާ ބޭބޭފުޅާއި، ތިމާއަށް ބޮޑުބޭބެ ވިދާޅުވާ ކުދިންނާއި، އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ހެއްދެވި ކޯލިޝަންގެ ހުރިހާ ޕާޓްނަރުންވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލުގެ ތޭރިތަކުގެ ފަހަތަށެވެ. އަދި ސިޔާސީ އެ ޑްރާމާ ވެގެންދިޔައީ، ފަހުގެ ޒަމާނެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ އެންމެ ފިތުނަވެރިކަން ބޮޑު އަދި އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑެތި އަނިޔާތަކެއްވެސް ލިބިގެން ދިޔަ ސިޔާސީ ކޯލުން ކަމުގައިވެސް މެއެވެ.

ހާލަތު ބަދަލުވެ، ވެރިކަންވެސް ބަދަލުވެ، މިއަދު މިއީ އެހެން ދުވަހެކެވެ.

ކޯލިޝަން ލީޑަރުންތައް އެއްގަލަކަށް އަރުއްވާ، އަދި ވަކީން ޚާއްސަކޮށް ރައީސް ނަޝީދުގެވެސް ފުރިހަމަ ތާއީދާއެކީ، ވެރިކަމަށް ވަޑައިގެންނެވީ އިބުރާހިމް މުހައްމަދު ސާލިހުއެވެ.

އެހެންނަމަވެސް، ރައީސް ސޯލިހުގެ ވެރިކަން ދެބައިވެގެން ދިޔަތަނާ ކަހަލަ ގޮތަކަށް ހާލަތު ބަދަލުވެގެން މިދިޔައީ، އޭރުގެ ކޯލިޝަނާ ދޭތެރޭ ގިނަބަޔަކު ހީކުރި ގިނަ ހީކުރުންތަކާ ބޮޑުތަނުން ޚިލާފުކޮށް ކަމުގައި މިއަދު ގަބޫލުކުރަން ޖެހެއެވެ. ސަބަބަކީ، ފާއިތުވެދިޔަ 14 ވަރަކަށް އަހަރުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، އޭރު ގިިނަބަޔަކު ގަބޫލު ކޮށްގެން ތިބީ، ވެރިކަން ފެށޭގޮތަށް އަހަރެއްހާ ދުވަސް ފާއިތުވެގެން ދާތަނާ ކަހަލަ ގޮތަކަށް، ކޯލިޝަން ރޫޅި، ވެރިކަމަކީ އެމްޑީޕީގެ އެކަނި ވެރިކަމަކަށްވެ، ކޯލިޝަން ޕާޓުނަރުން ހަތުރުވެރިވެ، ވިއްސިވިހާލިވެގެން ދާނެކަމަށެވެ.

އެހެންނަމަވެސް ކަން ހިގީ ދިމާ އިކޮޅަށްކަމުގައި މިއަދު ދަންނަވަން އެބަ ޖެހެއެވެ. ކޯލިޝަން ޕާޓްނަރުން އަދި ކޮންމެފަދަ ސަބަބަކާ ހެދިނަމަވެސް، ތިއްބެވި ގޮތުގައި ތިއްބެވީއެވެ. ރެނދުލާން ފެށީ، ކޯލިޝަންގައި އޮތް އެންމެ ބޮޑު ޕާޓީގެ އެތެރޭގައެވެ. ކޯލިޝަންގައި އެމްޑީޕީ އޮވެމެ، ކޯލިޝަނާ ދުރަށް ވަޑައިގެންނެވީ އެންމެ ބޮޑު ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހުއާއެކީ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް

 

އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޮއޮވެވޭނެ! ތާރީޚު އިއާދަވާނެ!

މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އިބުރާހިމް މުހައްމަދު ސޯލިހުއެވެ. އަދި ގަބުލުކުރަން ޖެހޭ ހަގީގަތަކީ، 2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ ފެހި ގާނޫނު އަސާސީ ބުނާ ގޮތުން، ރައްޔިތުން ތާއީދު ކޮށްފިނަމަ، އަދި އިތުރު އެއްދައުރު ޖެހިޖެހިގެން ވެރިކަން ކުރެއްވުމުގެ ފުރުސަތުވެސް އެމަނިކްފާނަށް އޮތްކަމެވެ.

ހަމައެފަދައިން ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ، ވެރިކަމަކީ ހަމައެކަނި، އެކަމުގެ ލައްޒަތާއި ޖާހަތުގެ އެދުމުގައި އެކަނި އެކަން ކުރަން ބޭނުން ނުވާ ވެރިއެއްނަމަ، ދައުރުގައި ހާސިލްކުރަން ބޭނުންވާނޭ އަރުތަތަކެއް ހުންނަނޭކަމެވެ. އަދި މި ކާމިޔާބީތަކުގެ މައްޗަށް ލެގަސީއެއް ގާއިމްކޮށް، ގައުމު އެމީހެއްގެ ޚިދުމަތުގެ މަތިން ހަދާންކުރާނޭ ވަރުގެ މާޒީއެއް ފަހަތަށް ދޫކޮށް ދާން އެދޭ ވެރިއެއްނަމަ، ވެރިކަމުގެ ދެވަނަ ދައުރަކަށް އުއްމީދުވެސް ކުރައްވާނޭ ކަމެވެ.

މިގޮތުން، ވެރިކަމުގެ ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ވާކަމަށް މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ސާފުބަހުން ވިދާޅުވެފައި ނުވިނަމަވެސް، އެމަނިކްފާނުގެ ގާތް ހުރިހާ ބޭފުޅުންގެ ފަރާތުންވެސް އެމަނިކްފާނު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކަށަވަރުވެ ޔަގީން ކުރެވެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާއިރު، އެމްޑިޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެމަނިކްފާނަކީ މިއަދު އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ.

ދެން ހުންނެވީ އެމްޑީޕީގެ ރައީސްއެވެ. މަޖިލިސް ރައިސް ވެސްމެއެވެ. ނަޝީދުވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާނޭކަމަށް ސާފު ބަހުން ވިދާޅުވެފައެވެ. މާނައަކީ، ދުނިޔޭގެ ކުރިއަރާފައި އޮތް ޑިމޮކްރަޓިކް ނިޒާމް އޮތް ބައެއް ގައުމުތަކުގައި އަމަލް ކުރެވެމުންދާ އުސޫލާ އެއްގޮތަށް، މިވަގުތު ހުންނެވި ރައީސަށް ދެވަނަ ދައުރެއް ޕާޓީ ޕްލެޓް ފޯމުގެ ތެރެއިން ދެއްވުމުގެ ވިސްނުންފުޅެއް އެމްޑީޕީގެ ރައީސް ނުގެންގުޅުއްވައެވެ.

އެހެންކަމުން، 2023ގެ ރިޔާސީ އިންތިޚާބަށް އެއްޕާޓީއަކުން މިއަދު މިތިއްބެވީ އެޕާޓީގެ އެންމެ އިސް ދެބޭފުޅުން ފައި ނަންގަވައިގެންނެވެ. ރިޔާސީ އިންތިޚާބަށް އަދި ދެއަހަރާއި ބައިގެ މުއްދަތު އެބައޮތެވެ. އެހެންނަމަވެސް، އެއް ޕާޓީއަކުން ދެބޭފުޅުން ވެރިކަމަށް ފައި ނެންގެވީމާ، ދެކޮޅުވެރިކަމާއި ވާދަވެރިކަން ނުއުފެދި ދިއުމަކީ ދުނިޔެވީ ތަބައީ އުސޫލު ނޫންކަމުގައި ގަބޫލުކުރަން ޖެހެއެވެ.

ނަޝިދާއި ސޯލިހު: ދެބޭފުޅުންގެ މެދުގައި ޕާޓީ ވަނީ ދެބަޔަކަށް ބެހިފަ

ކަންދިމާކުރިގޮތުން، ދެބޭފުޅުންނަކީވެސް، ރައީސް ނަޝީދުގެ ބަހުރުވައިން ނަމަ، އެންމެ ކުޑައިރުއްސުރެ އެންމެ ގާތް ދެއެކުވެރިންނެވެ. އާއިލީގޮތުންވެސް އިންތިހާއަށް ގުޅުންބޮޑު ދެބޭފުޅުންނެވެ.

އިއާދަވީ ހަމަ އިއްޔެގެ ތާރީޚެވެ. ރައީސް މައުމުނާ ރައީސް ޔާމިނާއި ދެބޭފުޅުންގެ ގުޅުންވެސް ބަރުބާދުވެ، ސިޔާސީ ގޮތުން ދެބޭފުޅުން ހަތުރުވެރި ވެދިޔައީ ހަމަ ސިޔާސީ ވާދަވެރިކަމުގައެވެ. އަމިއްލަފުޅު ޕާޓީގެ ތެރޭގައިވެސް ދެ ފެކްޝަން އުފެދި، އެކީގައި ތިއްބެވިހާ ބަޔަކުވެސް، ދެބަޔަކަށް ބެހިގެން ދިޔައީއެވެ. ރައީސް މައުމޫން ދުރަށް ވަޑައިގެން ކޯލިޝަން ހެއްދެވީ ކުރީގެ ސިޔާސީ ވާދަވެރިންނާ އެކީއެވެ.

މިއަދުވެސް އިއާދަވެގެން މިދަނީ ހަމަ އެތާރީޚެވެ. ފެންނާން އޮތް ހަގީގަތަކީ، ރައީސް ނަޝީދުއާއި ރައީސް ސޯލިހުއާއި ދެބޭފުޅުންގެ މެދުގައިވެސް އޮތީ ހަމަ ސިޔާސީ ވާދަވެރިކަން ކަމެވެ. ޕާޓީގެ ތެރޭގައި ފެކްޝަން ހެދި، އޮތީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކު ރައީސް ނަޝީދުގެ ފަހަތްޕުޅުގައެވެ. އަނެއްބަޔަކު ރައީސް ސޯލިހުގެ ފަހަތްޕުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ، ދެން ކޯލިޝަން ހައްދަވާނީ ކުރީގެ ސިޔާސީ ވާދަވެރިންނާ އެކީކަމުގައެވެ.

އޭރުވެސް، މިހާރުވެސް ސާބިތުވަމުންދާ ހަގީގަތަކީ، އެއް އުރައެއްގައި ދެ ކަނޑިއަކަށް ނުއޮވެވޭނޭ ކަމުގެ، ދެބަސް ވެވެން ނެތް ސާފު ހަގީގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *