އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ ނަޝީދަށްވެސް ހިތި: އާދަމް ޝަރީފް

އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ ނަޝީދަށްވެސް ހިތި: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 08:46
0

ވެރިކަން ކުރާ އެމްޑީޕީން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ހޯދައިދޭން ބުނި އިންސާފުގެ ރަހަ ހުދު އެމަނިކުފާނަށްވެސް ހިތި އެއްޗަކަށް ވެފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު ފާޅު ކުރައްވަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ޕީއެންސީގެ ނާއިބް ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމުން އެމަނިކުފާނަށް އިތުރަށް ސެކިއުރިޓީ ދިނުމުގެ ބަދަލުގައި ފެނިގެންދަނީ ފެންކައްކާ ބޮލީގެ އިއްޒަތް ދީގެން އެމަނިކުފާނު ހަވަރަށް ދޭން މަންޒަރުކަމަށެވެ. މިއީ އެމްޑީޕީން ހޯދައިދޭން ބުނި އިންސާފަށްވާނަމަ މިފަދަ އިންސާފެއް ރައްޔިތުން ބޭނުން ނުވާކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދީ، ފުރާނަ އަށް ނުރައްކާވުމުން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށް ރައްކަތެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި ސަރުކާރުން ރައީސް ނަޝީދު "ހަވަރަށް" ދެއްވީތޯ؟ ނޫނީ "ފެންކައްކަ ބޮލީގެ އިއްޒަތް ދެއްވީތޯ" އެމްޑީޕީ އިން ހޯދައިދޭން ބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށްވެސް ހިތި.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. “ޖަޒީރާ” ވަޓްސް އަޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޖިހާދީ ފިކުރުގެ މީހުން ގިނަ އަދަދަކަށް ތިބިކަމަށެވެ. އެމީހުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ކަމަށާއި، ޓްރެނިން ހަދަމުންދަނީ ރާއްޖޭގެ ފަޅު ރަށްތަކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއްނެތް. ރައީސް ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން.

– ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝިދު އަވަހާރަކޮއްލަން ދިން ހަމަލާއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދިމާވެފައި މިވަނީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، މިފަހަރު އެމަނިކުފާނަށް ހަމަލާ އަމާޒުކުރިނަމަވެސް، އެފަދަ ހަމަލާތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.