ސްޕެނިޝް ލަލީގާގައި ކުޅުނު އެލް ކްލަސިކޯ މެޗުން ބާސެލޯނާގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-1 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފު ރެއާލުން ބޯޅަހިފަހައްޓައިގެން ރަނގަޅަށް ކުޅުނުއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ލީޑުނެގިއެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ކަރިމް ބެންޒެމާ ދިން ޕާހަކުން ފުރަތަމަ ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭއެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ އަށްވަނަ މިނެޓުގައި ޖޯޑީ އަލްބާ ދިން ބޯޅައަކުން ޒުވާން ތަރި އަންސޫ ފަޓީ ކާމިޔާބުކުރި ލަނޑުންނެވެ. 17 އަހަރުގެ ފަޓީ ވެފައިވަނީ ކްލަސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ 63 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މެޗު ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވަނީ ލަނޑެއް ޖަހާ ރެއާލަށް ލީޑު އިތުރަށް ފުޅާކޮއްދީފައެވެ. މެޗު ގައި ބާސާ ދެވަނަހާފްގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.
މި މޮޅާއެކު ރެއާލް ވަނީ ހަ މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ބާސާ އޮތީ ތާވަލުގެ 10 ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ. މިއީ ހަތަރުއަހަރަށްފަހު ބާސާގެ ދަނޑުގައި ކުޅެ ރެއާލުން މޮޅުވި ފުރަތަމަ ފަހަރެވެ.