ހިޔާ ފްލެޓްތަކުން އެއްވެސް މީހަކަށް ކަނޑައަޅާފައިނުވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނުކަމަށް ބުނެ އޮޅުވާލައިގެން ކޯލްތައް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.
އެޗްޑީސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ބާކީ ހުރި ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެކުންފުނީގެ ނަމުގައި ފޭކް ކޯލްތަކެއް ބަޔަކު ކުރަމުން އަންނަކަމަށެވެ. އެޗްޑީސީން ބުނީ ފުލެޓަށް ގުރުއަތުގެ އެއްވެސް ކަމެއްގައި އެ ކުންފުނިން ފޯނު މެދުވެރިކޮށް ގުޅަމުން ނުގެންދާނެކަމަށެވެ.
ފުލެޓަށް ހޮވިފައިވާ މީހުނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އެޗްޑީސީން އަމަލު ކުރާ އުސޫލު ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އެޗްޑީސީން އަމަލު ކުރާ ގޮތަކީ ފްލެޓް ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު އަދި އެ ދުވަހެއްގެ ގުރުއަތުގައި ފްލެޓު ކަނޑަ އެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނު ކުރުމަށް ފަހު، ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުމެވެ.
ގުރުއަތުން ފުލެޓު ލިބިފައިވާ މީހުންނާއި، ފުލެޓު ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްސީލު ހިއްސާ ކުރަން ނުގުޅާނެ އެވެ. އަދި ހިޔާ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިއުލާނެއްގެ ޒަރިއްޔާއިންނެވެ.
ހިޔާ ފްލެޓްތަކުގެ ގުރުއަތު ނެގުމުގެ މަސައްކަތް ނިންމާ އެޗްޑިސީން އަންނަނީ ފްލެޓްތައް ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ބުދަދުވަހު ފަށާ ތަޅުދަނޑިތައް ހަވާލުކުރަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހިޔާ މަޝްރޫގެ ދަށުން އިމާރަތް ކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ނިންމާފައެވެ.