ހުޅުމާލެއިން ބޮޑު އަގުގައި ބިން ވިއްކަން ފެށުމަށް ނިންމާފައިވާތީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުންފާޅުކޮށްފިއެވެ.
ޑރ.މުޢިއްޒު މިކަންބޮޑުވުން ފާޅުކޮށްފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން ފަށައި، އަކަފޫޓެއް 4،800 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމުމާއި ގުޅިގެންނެވެ.
މާލޭގެ މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ، މާލޭގެ ނިކަމެތި ރައްޔިތުންނަސް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް އެކަށީގެންވާ ހައްލުތަކެއް ނުގެނެސްދީ ހުޅުމާލެއިން ބޮޑު އަގުގައި މުއްސަނދިންނަށް ބިން ވިއްކަން އަލުން ފެށުމަކީ ތަރުތީބު އޮޅިފައިވާ ވަރަށް ދެރަކަމެއްކަމަށެވެ.
މާލޭގެ މޭޔަރު މިކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. މިގޮތުން 1،500 އާއި 2،000 އަކަފޫޓުގެ ބިންތަކެއް ވިއްކުމަށް ނިންމާފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް 4،800 ރުފިޔާގެ ރޭޓުންނެވެ.
ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން އެންމެ ފަހުން ގޯތި ވިއްކާފައި ވަނީ 2017 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ