ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ 2 ވަނަ މެޗުގައި ޑެންމާކް ބަލިކޮށް އިންގްލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޑެންމާކްގެ މައްޗަށް އިންގްލެންޑް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތު 2 ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 1-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް އިންގްލެންޑް ވަނީ ދަތުރުކޮށްފައެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ އިންގްލެންޑުންނެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ޑެންމާކަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޑެންމާކަށް ކާމިޔާބުކޮށްދިނީ، ޑަމްސްގާޑްއެވެ. މިއީ މިފަހަރުގެ ޔޫރޯގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ލަނޑުވެސް މެއެވެ.
ޑެންމާކުން ލަނޑެއް ޖަހާ ލީޑު ނެގިފަހުންވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކުރީ އިންގްލެންޑުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑަކީ ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. މިއީ މިފަހަރުގެ ޔޫރޯގައި ބައިކޮޅަށް ވަން 11 ވަނަ ލަނޑެއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް އިންގްލެންޑުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ޑެންމާކުން ވަނީ 90 މިނެޓުގެ ތެރޭގައި އިތުރު ލަނޑެއް ޖެހިޔަ ނުދީ އިންގްލެންޑް ހުއްޓުވާފައެވެ.
ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ހެރީ ކޭން ވަނީ ލަނޑު ޖަހައިން މި މެޗުގައި އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. މި ޕެނަލްޓީއަކީ ސްޓާލިއަން ޑެންމާކުގެ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެެކެވެ. އަދި ޕެނަލްޓީ ޖެހުމުގެ ކުރިން ރެފްރީ ވަނީ ވީއޭއާރުގެވެސް އެހީތެރިކަން ހޯދާފައެވެ.
މި މޮޅާއެކު އިންގްލެންޑް ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސްޕެއިން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިޓަލީއާއެވެ.