ބޮލީވުޑް ގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ "ފިލްހާލް 2 މޮހައްބަތު" ލަވަ ނެރެފި އެވެ.
މި ލަވައަކީ "ފިލްހާލް" ގެ ފުރަތަމަ ލަވައަށް ލިބުނު ބޮޑު ތަރުހީބާއެކު މި ޓީމުން ތައްޔާރު ކުރި ލަވައެކެވެ. މި ލަވައިގެ ފުރަތަމަ ބަޔާއި ގުޅުވައިގެން މި ލަވަ ގެނެސްދީފައި ވާއިރު ލަވަ ބެލުމަށް އެތަށް ބަޔަކު ދިއައީ އިންތިޒާރު ކުރަމުންނެވެ.
މީގެ ކުރިން އަކްޝޭ ވަނީ މި ލަވައިގެ ޕޯސްޓަރު އަދި ޓިޒާ ވެސް ބެލުންތެރިންނަށް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފަ އެވެ. އިއްޔެ ލަވަ ނެރުނުމާއި އެކުވެސް އަކްޝޭ ވަނީ މިކަން އޭނާގެ އިންސްޓަގްރާމްގައި އިއުލާން ވެސް ކޮށްފަ އެވެ.
ލަވަ ނެރުނުތާ 24 ގަޑީރު ނުވަނީސް 1.5 މިލިއަން މީހުން ޔޫޓިއުބުން ލަވަ ބަލާފައި ވެއެވެ. "ފިލްހާލް"ގެ ފުރަތަމަ ލަވަ ނެރުނުތާ މިހާރު އަހަރެއް ވެފައި ވާއިރު އެލަވަ މިހާތަނަށް ޔޫޓިއުބުން ބިލިއަނަކަށްވުރެ ގިނަ ފަހަރު ވަނީ ބަލާފަ އެވެ.
މީގެ ފުރަތަމަ ލަވައެކޭ އެއްފަދައިން މި ލަވަ ވެސް ކިޔާފައިވަނީ ބީ ޕްރާކް އެވެ. އަދި މި ލަވަ ލިޔެފައިވަނީ ޖާނީއެވެ. "ފިލްހާލް" އެކޭ އެއްފަދައިން "ފިލްހާލް 2″ އިން ވެސް އަކަޝޭއާއި އެކުގައި ފެނިގެން ދާނީ ނުޕުރް ސެނޮން އެވެ. ނުޕުރް އަކީ މަޝްހޫރު ބަތަލާ ކްރީތީ ސެނޮންގެ ކޮއްކޮ އެވެ.
އަކްޝޭ ގެ ގިނަ ފިލްމް ތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި "ސޫރްޔަވަންޝީ" "ރަކްޝާ ބަންދަން" "އަތުރަންގީރޭ" " ބެލް ބޮޓަމް" އަދި "ބައްޗަން ޕާންޑޭ" ހިމެނެއެވެ.