ހަނގުރާމައިން އަންނަ މީހުން ބަންދުކުރުމަށް ޚާއްސަ ސެންޓަރެއް ހިންމަފުށީގައި

ހަނގުރާމައިން އަންނަ މީހުން ބަންދުކުރުމަށް ޚާއްސަ ސެންޓަރެއް ހިންމަފުށީގައި

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 01:43
0

ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް އޭނާ 30 ދުވަހު ބަންދުކުރަން ކޯޓުން އަމަރުކުރުމުން މިހާރު އޭނާ ބެހެއްޓިފައިވަނީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އަންނަ މީހުން ބަންދުކުރާ މަރުކަޒުކަމުގައި ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މި މީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހަކަށްވާތީ، މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު މުއްދަތު މަޖިލީހުގައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ޤާއިމުކުރާ މަރުކަޒުގައި، އެ ޤާނޫނުގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން އޭނާ ބަންދުކޮށްފައިވަނީ މިދެންނެވި ޤާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައެވެ. އަދި މިއީ މި މަރުކަޒުގައި މީހަކު ބަންދުކުރެވުނު ފުރަތަމަ ފަހަރެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައި ވަނީ 22 އޮކްޓޯބަރ 2020 ވަނަ ދުވަހުއެވެ.

މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ.

އަދި މި މަސައްކަތުގައި ދިވެހިރާއްޖެއާ އުޚުއްވަތްތެރި އިސްލާމީ ޤައުމުތަކާއި، ރަހުމަތްތެރި އެހެން ގައުމުތަކާއި، ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއެކު އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް ރިއާޔަތްކުރާނެކަން ޔަޤީންކަން ހޯމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.