14 ދުވަހަށްފަހު 13 އަހަރުގެ ކުއްޖާ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

14 ދުވަހަށްފަހު 13 އަހަރުގެ ކުއްޖާ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް 14 ދުވަހަށްފަހު އިންޑިއާއަށް ފޮނުވައިފިއެވެ.

މި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް ފުރުވާލީ މިއަދުގެ ހެނދުނު 10:15ގައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ކުއްޖާގެ މަރާއި ގުޅިގެން ޕޯސްޓްމޯޓަށް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުން ލަސްވީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެކަންކަން ބަލާ ތަހުޤީގުކުރުމަށްކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލާވެސް ތަހުޤީގުގެ ބޭނުމަށް ޕޯސްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އެެހެންނަމަވެސް މި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެވެސް ރުހުމާއި އެކުއެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް 2 ދިވެއްސަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި މަރާއި ގުޅޭ އަދި މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ދެމީހުންގެ ތެރެއިން 27 އަހަރުގެ މީހާގެ ތަހުޤީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އެ ކުއްޖާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ. 13 އަހަރުގެ މި ކުއްޖާގެ މަރާލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުފުލިކަމަށް ޝަކުކުރެވޭ ޓެކްސީއެއްވެސް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *