ބޮޑު މޮޅަކާއެކު އިންގްލެންޑް ސެމީ ފައިނަލަށް

ބޮޑު މޮޅަކާއެކު އިންގްލެންޑް ސެމީ ފައިނަލަށް

Author
ޔޫސުފް
04 ޖުލައި 2021 02:40
0

ޔޫކްރެއިން އަތުން ބޮޑު މޮޅެއް ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ޔޫކްރެއިންގެ މައްޗަށް ފަސޭހަކަމާއެކު އިންގްލެންޑުން ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މިއީ 1996 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންގްލެންޑް ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެއެވެ. ސެމީ ފައިނަލުގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ޑެންމާކާއެވެ.

އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނުު މި މެޗުގައި މޮޅަށް ކުޅުނީ އިންގްލެންޑުންނެވެ. އެގޮތުން މެޗުގެ 4 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު އިންގްލެންޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މެޗުުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ގޯލާއި އަމާޒުކޮށް ޔޫކްރެއިންއަށް ޝޮޓެއް ފޮނުވާލެވުނީ 17 ވަނަ މިނެޓުގައެވެ. އެގޮތުން ޔޫކްރެއިންގެ ޔަރެމްޗުކް ޖެހި ޝޮޓް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި އިންގްލެންޑް ރައިސް ވަނީ ޔޫކްރެއިންގެ ގޯލާއި އަމާޒުކޮށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާވެސް ކީޕަރ ވަނީ ދިފާޢުކޮށްފައެވެ. އަދި 40 ވަނަ މިނެޓުގައި ޖޯޑަން ސަންޗޯ ފޮނުވާލި ބޯޅަވެސް އަމާޒުވީ ކީޕަރ އަތަށެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އިންގްލެންޑުން ވަނީ 2 ވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ އިންގްލެންޑަށް ލިބުނު ފްރީކިކް ލޫކް ޝޯ އޭރިޔާ ތެރެއަށް ނަގައިދިނުމުން ހެރީ މެގުއަރ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެއެވެ. އަދި އޭގެ 4 މިނެޓު ފަހުން ލިބުނު ކޯނަރަކުން ކޭން ވަނީ އިންގްލެންޑްގެ 3 ވަނަ ލަނޑު ޖަހާފައެވެ. މިއީ މިމެޗުގައި ކޭން ކާމިޔާބުކުރި 2 ވަނަ ލަނޑެއެވެ. އަދި މި މުބާރާތުގައި ޖެހި 3 ވަނަ ލަނޑެއެވެ. މި މެޗުގައި އިންގްލެންޑުން ޖެހި 4 ވަނަ ލަނޑަކީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހެންޑަސަން ކާމިިޔާބުކުރި ލަނޑެކެއެވެ. ހެންޑަސަން މި ލަނޑު ޖެހީ މޭސަން މައުންޓް ނެގި ކޯނަރަކުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެއެވެ. އެގޮތުން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ 12:00 ގައި އިޓަލީ ނުކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ. އަދި ބުދަ ދުވަހުގެ ރޭ 12:00 ގައި އިންގްލެންޑް ވާދަކުރާނީ ޑެންމާކާއެވެ. ސެމީ ފައިނަލުގެ 2 މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.