ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް 29 އަހަރަށް ފަހު ޑެންމާކް ދަތުރުކޮށްފިއެވެ.
ޑެންމާކް ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި މިރޭ ޗެކް ރިޕަބްލިކްގެ މައްޗަށް 1-2 ގެ ނަތިޖާއަކުން ކުރި ހޯދައިގެންނެވެ.
ޑެންމާކް އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލެއްގައި ވާދަކޮށްފައިވަނީ 1992 ވަނަ އަހަރުއެވެ. އަދި އެ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަންވެސް ޑެންމާކުން ވަނީ ހޯދާފައެވެ.
އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަަތަމަ ހާފުގައި ޑެންމާކުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ޑެންމާކަށް ކާމިޔާބުކޮށްދިނީ، ތޯމަސް ޑެލެއީނީއެވެ. މި ލަނޑަށްފަހުވެސް ޑެންމާކުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ.
ޑެންމާކުން ލަނޑު ޖަހާ ލީޑު ނެގިފަހުން ޗެކް ރިޕަބްލިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ޖެހި ބޯޅައެއް ޑެންމާކްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ. އަދި އެޓީމުގެ ތޯމަސް ހޮލެޝް ފޮނުވާލި ހަމަލާއެއް ޑެންމާކްގެ ކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 43 ވަނަ މިނެޓުގައި ޑެންމާކުގެ 2 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެޝްޕާ ޑޯލްބާގްއެވެ.
މެޗުގެ ދެވަނަ ހާފަށް 2 ބަދަލާއެކު ނުކުތް ޗެކް ރިޕަބްލިކުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ 4 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޝިކް އެވެ. މިއީ މިފަހަރުގެ ޔޫރޯގައި ޝިކް ކާމިޔާބުކުރި 5 ވަނަ ލަނޑެއެވެ. މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށް، އިތުރު ލަނޑެއް ޖަހަން ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލެވޭގޮތްވަނީ ނުވެފައެވެ.
ޑެންމާކުން ސެމީގައި ކުޅެން ޖެހޭނީ މިރޭ އިންގްލެންޑާއި ޔޫކްރެއިން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ