ރާއްޖޭގައި އެޗްސީއެފްސީ ގޭސް ބޭނުން ކުރުން މުޅިން ހުއްޓާލުމަށް ކުރެވެމުން އައި މަސައްކަތްތައް ކާމިޔާބުވެ، ސަރުކާރުން އެކަން ފާހަގަ ކުރަމުންދާއިރު، އެ މަސައްކަތް އަމަލީ ގޮތުން ފެށިގެން އައިގޮތާއި، އަދި އެމަސައްކަތަށް އިސްނެންގެވީ އެމަނިކްފާނުކަން ރައީސް އޮފީހުން ފާހަގަ ނުކޮށްގެން، މަޖިލިސް ރައީސް ނަޝީދު ހިންހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.
އެމަނިކްފާނު މިގޮތުން ހިންހަމަ ނުޖެހުން ފާޅު ކޮށްފައިވަނީ، ދާދިފަހުން ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ސަބްރާ ނޫރައްދީން ކުރެއްވި ޓުވީޓަކަށް އެލެކްސް އެކައުންޓުން ދެއްވި ރައްދެއްގައެވެ.
ޖައްވަސް ގެއްލުންދޭ ގޭހެއް ކަމުގައިވާ HCFC ގޭސް ބޭނުންކުރުން ހުއްޓާލުމަށް 2010 ވަނަ އަހަރު، ރާއްޖެއިން ވޮލަންޓްރީކޮށް ނިންމާ އެކަމަކަށް މަގުޗާޓެއްވެސް އެކުލަވާލިއެވެ. އަދި ދިވެހިރާއްޖެއިންވަނީ، މޮންޓްރިއަލް ޕްރޮޓޮކޯލްއިން އެކަށައެޅި މުއްދަތު ހަމަވުމުގެ 10 އަހަރުކުރިން ރާއްޖޭއަކީ HCFC ގޭސް ބޭނުން ނުކުރާ ގައުމަކަށް ހެދުމަށް އެކަށައެޅި ލަނޑުދަޑި ހާސިލް ކޮށްފައެވެ.
މި ކާމިޔާބީ ފާހަގަ ކޮށް، މިސަރުކާރުގެ ސްޕެޝަން އެންވޯއި ފޯރ ކްލައިމެޓް ޗޭންގު ސަބްރާ ނޫރައްދީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ކާމިޔާބީއަކީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް މުސްތަގުބަލުގައި ކުރަންޖެހޭ އިންވެސްޓަމަންޓްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އަދި އެކަމުގެ އުއްމީދު ވަރަށް ބޮޑަށް އާލާވެގެންދިޔަ ކާމިޔާބީއެއް ކަމުގައެވެ.
ސަބުރާ ނޫރައްދީންގެ މި ޓުވީޓަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ، މި މަސައްކަތް ފައްޓާވާ ދެއްވީ ކާކުތޯއާއި އަދި މި ލަނޑުދަޑި ހާސިލްކުރުމަށް އަމަލީ ސިފަ ގެނެސްދިން މީހެއްގެ ނަންވެސް ފާހަގަ ނުކުރުމަށް ރައީސް އޮފީން އަންގަވާފައިވޭތޯ ސުވާލު ކުރައްވާފައެވެ.
Is it a PO instruction not to actually mention who and how it was done?
— Alex Ahmed (@anedhivehirajje) June 28, 2021
ތިމާވެށީގެ ދާއިރާއިން މި ސަރުކާރުން ހާސިލް ކުރަމުންދާ ކާމިޔާބީތަށް ސަރުކާރުގެ އިސްވެރިން ފާހަގަ ކުރައްވާއިރު، ނަޝީދުގެ ނަން ނުގެންނަވައިގެން ހިންހަމަ ނުޖެހުން ފާޅު ކުރައްވާފައި ވާއިރު، ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދި، ނަޝީދަށް ތާޢީދުކުރާ މީހުންގެ ނުރުހުން ރައީސް ސޯލިހަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
އަދި ރައީސް ނަޝީދާއި ރައީސް ސޯލިހުއާއި ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތްކަން މީޑިއާތަކާއި ހަމައަށްވެސް ވަނީ ތިލަވެގެން ގޮސްފައެވެ.