ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ސްވިޒަލެންޑް ވާދަކުރި މެޗުގައި އެމްބާޕޭ ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުން، ސްވިޒަލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި މެޗުގެ 90 މިނެޓު ހަމަވިއިރު، 3-3 އިން ނަތީޖާ ހަމަވުމުން ނަތިޖާ ނެރުމަށް 15 މިނެޓުގެ އިތުރު 2 ހާފު ކުޅެގެ ނިމުނުއިރުވެސް 2 ޓީމު އެއްވަރުވެފައި އޮތުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެގޮތުން ޕެނަލްޓީގައި ފްރާންސްގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ 4-5 ގެ ނަތީޖާއަކުންނެވެ. ފްރާންސް ޓީމަށް ނާމިޔާބުވީ އެޓީމުން އެންމެ ފަހުން އެމްބާޕޭ ޖެހި ޕެނަލްޓީއެވެ. މި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
ރުމޭނިއާގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ހަރިސް ސެފެރޮވިޗްއެވެ. ފުރަތަމަ ހާފުގައި ސްވިޒަލެންޑުން ލަނޑު ޖަހާ ލީޑު ނެގުމުން ފްރާންސުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމުން ކުރި އެޓޭކްތައް ކާމިޔާބުނުވެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ސްވިޒަލެންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ސްވިޒަލެންޑަށް ވަނީ ލީޑު ފުޅާކުރުމަށް ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެއީ ސްވިޒަލެންޑުގެ ޒުބެއާ އަށް ފްރާންސްގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ސްވިޒަލެންޑްގެ ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލުމުން ފްރާންސްގެ ކެޕްޓަން އަދި ކީޕަރ ލޮރިސް ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
ސްވިޒަލެންޑަށް ޕެނަލްޓީ ލޮރިސް ދިފާޢުކުރިތާ 2 މިނެޓު ފަހުން ކަރީމް ބެންޒެމާ ވަނީ ފްރާންސަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މި ލަނޑު ކާމިޔާބުކުރިތާ 2 މިނެޓު ފަހުން އަނެއްކާ އިތުރު ލަނޑެއް ކާމިޔާބުކޮށް ބެންޒެމާ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. މެޗުގައި ފްރާންސުން ޖެހި 3 ވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާއެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ފްރާންސުން 2 ލަނޑުގެ ލީޑެއް ނެގިނަމަވެސް ސްވިޒަލެންޑުން ވަނީ ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 81 ވަނަ މިނެޓުގައި ސެފެރޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ސްވިޒަލެންޑަށް ކުޑަކޮށްދީފައެވެ. މެޗުން ފްރާންސް މޮޅުވާން ދަނިކޮށް 89 ވަަނަ މިނެޓްގައި ގަވްރަނޮވިޗް ވަނީ ލަނޑެއް ޖަހާ ފްރާންސް ސިއްސުވާލާފައެވެ.
މި ލަނޑާއެކު މެޗުގެ ނަތީޖާ 3-3 އިން އެއްވަރުވުމުން ދެން ޖެހުނީ އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ 2 ހާފު ކުޅޭށެއެވެ. އިތުރު ވަގުތުގައިވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭށެވެ. އެގޮތުން ޕެނަލްޓީގައި ފްރާންސުން ޖެހި ފަހު ޕެނަލްޓީ އެމްބާޕޭ އަތުން ނާކާމިޔާބުވެ، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ މުބާރާތުން ކަޓާފައެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ސްވިޒަލޭންޑް ބައްދަލުކުރާނީ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ސްޕެއިން އާއެވެ.