ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކަކީ ވެރިކަމުގެ ތެރެއިން އައިސްފައިވާ ކޯލިޝަންގެ ބައިވެރިންނަށް ތާއަބަދަށް ހިބަކޮށްދެވޭނެ ތަންތަނެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ކޯލިޝަނާއިއެކު އުފެދުނު ވެރިކަމުގައި ވަނީ ކޯލިޝަންގެ ޕާޓީތަކަށް ސަރުކާރުގެތެރެއިން ބައިއެޅިގެންދާނެ ގޮތަށް އެއްބަސްވުންތަކެއް އެކުލަވާލާފައެވެ. މިއެއްބަސްވުންތަކާއި އެއްގޮތަށް އިއްޔެއާއި ހަމައަށް ރައީސް ޞާލިހުވަނީ ކޯލިޝަން ދަމަހައްޓާފައެވެ. ނަމަވެސް އިއްޔެ ކޯލިޝަންގެ ދެވަނައަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައި އޮތް ހެލްތު މިނިސްޓްރީއަށް ވަނީ އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ.
ރައީސް ޞާލިހުގެ މި މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް އައްޔަން ކުރައްވާފައިވަނީވެސް ޖުމްހޫރީ ޕާޓީން 3 ބޭފުޅެއްގެ ނަންވެސް މިމަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވަނިކޮށެވެ. ނަމަވެސް ރައީސް ޞާލިހުވަނީ މިނަންފުޅުތައް އެއްފަރާތްކޮށް، ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަން ކުރައްވާފައެވެ.
މިމަޤާމަސް ނަސީމް އައްޔަން ކުރެއްވުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށާއި، އެމްޑީޕީއަށް އަމާޒުވެފައެވެ. މި ފާޑުކިޔުންތަކާއި ގުޅިގެން ކޯލިޝަން ރޫޅާލުމަށް މަޖިލިސް ތެރޭގައި ކެނޑިޑޭޅި ވަކާލާތު ކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ ކޯލިޝަނަކީ ޤާނޫނު އަސާސީ ދަންނަ އެއްޗެއް ނޫންކަމަށެވެ. ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކީ ތާއަބަދު ވަކި ބައެއްގެ މިލްކަކަށް ނުހެދޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ވާހަކަ! ކޯލިޝަނުގެ ވާހަކައެއްނެތް ! ދައުލަތުގެ ވުޒާރާ ތަކަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަނެއްނޫން!
– އިބްރާހިމް ރަޝީދު (ބޮންޑޭ)
ނަސީމު ހެލްތު މިނިސްޓަރަކަށް އައްޔަން ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދުއާއި، އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުންވަނީ ކޯލިޝަނާއިމެދު ސުވާލު އުފައްދަވައި ސޯޝަލް މީޑީޔާގައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިހާތަނަށް މިމަޤާމް އެމްޑީޕީއަށް ދެއްވި ސަބަބެއް ކޯލިޝަން ތެރެއިން ސާފުވާގޮތެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ