ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފިންލޭންޑް ބަލިކޮށް ގްރޫޕް ބީ ގެ އެއްވަނަ ބެލްޖިއަމް ހޯދައިފިއެވެ.
ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗާއި ކުރިމަތިލީއިރު ބެލްޖިއަމް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ 2 މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ 2 ވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. ބެލްޖިއަމުން ގްރޫޕް ބީ ގެ 1 ވަނަ ހޯދީ 3 މެޗުން މޮޅުވެގެން ހޯދި 9 ޕޮއިންޓާއެކުއެވެ. ގްރޫޕްގެ 2 ވަނަ ޑެންމާކް ހޯދިއިރު، 3 ވަނަ ލިބުނީ ފިންލޭންޑަށެވެ. އަދި ފުލުގައި އޮތީ ރަޝިއާއެވެ. މި 3 ޓީމަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު، 2 ވަނައަށް ޑެންމާކް އެރީ ލަނޑުގެ ތަފާތުންނެވެ. އެހެންކަމުން ޑެންމާކް ވަނީ މުބާރާތުގެ 2 ވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.
މިރޭގެ މެޗަށް ބެލްޖިއަމުން ނުކުތީ ފުރަތަމަ 11 ގައި ކެވިން ޑިބްރޭނާއާއި ކެޕްޓަން އެޑެން ހަޒާޑް ހިމަނައިގެންނެވެ. ދެ ކުޅުންތެރިންވެސް މުބާރާތް ފެށިއިރު ތިބީ އަނިޔާގައެވެ.
މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ބެލްޖިއަމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ބެލްޖިއަމުން ފިންލޭންޑް ކޮޅަށް ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމުގެ ޑިފެންސް ފޫއަޅުވާލައި އެކަން ކުރެވޭގޮތެއް ނުވިއެވެ. އަދި ފިންލޭންޑްގެ ކީޕަރވެސް ވަނީ މުހިއްމު ސޭވްތަކެއް މެޗުގައި ކޮށްފައެވެ.
މެޗުގައި ބެލްކިއަމުން ފުރަތަމަ ލަނޑެއް ޖެހީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ޑިބްރޭނާގެ އެހީތެރިކަމާއެކު ލޫކާކޫ މި ލަނޑު ޖަހާ އުފާފާޅުކުރިފަހުން ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު މި ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ. ސަބަބަކީ ޑިބްރޭނާ ލުކާކޫއަށް ބޯޅަ ޖައްސާލިއިރު އޭނާ އޮފްސައިޑް ވެފައިވާތީއެވެ. ނަމަވެސް ބެލްޖިއަމުން ވަނީ އަނެއްކާވެސް ހިތްވަރު އެލުވާނުލައި ލަނޑެއް ޖަހަން ވަރަށް ބޮަޑަށް މަސައްކަތްކޮށްފައެވެ. މި މަސައްކަތް ބެލްޖިއަމަށް ކާމިޔާބު ކުރެވޭގޮތްވީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އެއީ ޑިބްރޭނާގެ ކޯނަރަކުން ވަމާލިން ބޮލުން ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހި، ފިންލެންޑް ކީޕަރު ހްރަޑެޓްސްކީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އޭގެ އިތުރުންވެސް ދެވަނަ ހާފުގައި ހަޒާޑް ފޮނުވާލި ހަމަލާއެއްވެސް ކީޕަރު ހްރަޑެޓްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ބެލްޖިއަމަށް ލީޑު ފުޅާކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ކެވިން ޑިބްރޭނާއެވެ.
މި މެޗުން ފިންލޭންޑް ބަލިވެ ގްރޫޕްގެ 3 ވަނައަށް ވެއްޓުނު ނަމަވެސް، މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ލިބުމުގެ އުއްމީދު އަދި އެބައޮތެވެ. އެއީ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުން ޖާގައެއް ލިބުމުގެ ފުރުޞަތު އޮތީމައެވެ. މިކަން ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުމުންނެވެ.