ގައުމީ އެންމެ ބޮޑު ކާރިސާއަކީ ބޯހިޔާވަހިކަމުގެ މައްސަލަ! ހައްލު ހޯދައި ދީ!

ގައުމީ އެންމެ ބޮޑު ކާރިސާއަކީ ބޯހިޔާވަހިކަމުގެ މައްސަލަ! ހައްލު ހޯދައި ދީ!

Author
ހުސެއިން
18 ޖޫން 2021 08:09
0

އަމިއްލަ ފަސްގަޑުގައި ދިރިއުޅޭނެ އަމިއްލަ ގެދޮރު ނެތުމަށްވުރެ ނިކަމެތިކަމެއް އޮންނާނެ ބާވައެވެ. އަދި ހަމަ އެއާއެކު، މުޅި އުމުރު ކުލިދައްކައިގެން ދިރި އުޅެފައި، ދިރުއުޅުމުގެ އުފަލެއް ނުލިބޭ ހާލުގައި، ތިމާގެ ދަރީންނަށްވެސް މުސްތަގުބަލެއް ހޯދާ ނުދެވި، ތިމާގެ ހަޔާތް ނިންމާލަން ޖެހުމަށްވުރެ ބޮޑު ބަދު ނަސީބުވެރިކަމެއް އޮންނާނެ ތޯއެވެ. އެހެންނަމަވެސް މިއީ އަދުގެ ދިވެހީންގެ ހާލަތެވެ. މިނޫންގޮތަކަށް މިއަދު ގިނަ ދެވެހި ރައްޔިތުންގެ ދިރިއުޅުން ސިފަކުރެވޭކަށް ނެތެވެ.

ސަބަބުތައް ބައިވަރެވެ.

އަމިއްލަ ފަސްގަޑުގައި އަމިއްލަ ގޯވައްޗެއް އޮތަސް ގެއެއް އެޅޭނެހާ ތަނަވަސް ކަމެއް ނެތީއެވެ. އަދި އަމިއްލަ ގެދޮރު ހުރިނަމަ، މަޖުބޫރީ ހާލަތު މެދުވެރި ވެގެން މާލެ ހިޖުރަ ކުރަން ޖެހެނީއެވެ. މާލާގައި ދިރިއުޅެން ޖެހެނީ 7 ފޫޓް 8 ފޫޓުގެ ކޮންކުރީޓް ގޮޅިއެގައެވެ. ކުލި ދައްކަން ޖެހެނީ، މި ކޮންކުރީޓް ގޮޅި ދެތިން އާއިލައަކުން "ޝެއަރ" ކޮށްގެންނެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

އެހެންނަމަވެސް، މާލެއަށް މުޅި އާއިލާއާއެކީ ހިޖުރަކުރީ ވެރިރަށް މާލޭގައި ދިރިއުޅޭން ފަސޭހަ ވެގެންނެއް ނޫނެވެ. އަމިއްލަ ރަށުގައި ރަގަޅު ފެންވަރުގެ ތައުލީމެއް ލިބެން ނެތުނީއެވެ. ނުވަތަ ބޭސްފަރުވާގެ ޚިދުމަތެެއް ލިބެން ނެތިގެންނެވެ. ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތި، ވަޒީފާގެ ފުރުސަތެއް ހޯދާ، މާލެ ނޫންތަނެއްގައި ދިރުއުޅެވެން ނެތީއެވެ.

މިއީ ދިވެހިރައްޖޭގެ އާބާދީގެ ބޮޑުބައެއްގެ ދިރިއުޅުން ބައްޓަން ކުރަންޖެހިފައިވާ މަޖުބޫރީ ހާލަތެވެ.

ހަގީގަތުގައިވެސް އަމިއްލަ ގައުމުގައި ދިރިއުޅޭނެ ގޮދޮރު ނެތުމަކީ ނިކަމެތި، އެހާމެ ހިތާމަވެސް ކުރަންޖެހޭ މައްސަލައެކެވެ. އަދި އެއީ ކޮންމެ ފަރުދަކު، ފަރުދީ ހައިސިއްޔަތުން އުފުލަންޖެހުނު އިހުމާލަކުން ނަމަވެސް، ނުވަތަ އެވަގުތެއްގައި އޮތް ސަރުކާރެއްގެ އިހުމާލުން ނަމަވެސް، މައްސަލައަކީ ހައްލު ހޯދަން ޖެހިގައިވާ ބޮޑު، ގައުމީ މައްސަލައެކެވެ. މިއީ މިއަދު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ކާރިސާއެވެ.

ހުރިހާ ވަސީލަތްތަކެއް މާލެއަށް ބަރޯސާކުރުމުގެ ނަތީޖާއަކީ މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީކަމުގައި ވެގެން ދިއުން

ރާއްޖޭގެ ހާލަތު

ދިވެހި ރައްޖޭގެ އާބާދީ މިވަނީ 450،000 އާއި ގާތް ކޮށްފައެވެ. މީހުން ދިރިއުޅޭ 200 އެއްހާ ރަށް އޮތް ނަމަވެސް، އާބާދީގެ ބޮޑުބައެއް ވަނީ ވެރިރަށް މާލެއަށް ހިޖުރަ ކޮށްފައެވެ. ބޭސްފަރުވާއާއި، ތައުލީމު ހޯދޭނެ ވަސީތަތްތައް އަމިއްލަ ރަށުގައި ތިބެގެން ލިބެން ނެތުމާއި، އަދި މިނޫނަސް ޒަރޫރީ ވަސީލަތްތައް ލިބެން ނެތްތަނެއްގައި ދިރިއުޅުމެއް އާރާސް ކުރެވެން ނެތުމަކީ، ތަބައީގޮތުން ކަން ހިގާނޭ އުސޫލު ކަމަށްވާތީ، ރާއްޖޭގެ އާބާދީގެ %50 އަށްވުރެ ބޮޑު ބައެއް ދިރިއުޅެން މަޖުބޫރު ވެފައިވަނީ ފުރަ މާލޭގައެވެ.

ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްގައިވެސް، ތަރައްގީ ބަރޯސާ ކޮށްފައި އޮތީ، މާލެއަށެވެ.

އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ކުރިއަރައިގެން އަންނަ ތަރައްގީއާއި އެންމެ ބޮޑަށް ގުޅިލާ މެހިފައި އޮންނާނޭ އެއްމެ މުހިންމު އެއް ވަސީލަތަކީ އެގައުމެއްގެ ބިން ކަމުގައި ވުމެވެ. މާނައަކީ، ބިން ފުރި ބާރުވެފައި އޮތް ތަނެއްގައި، ނުވަތަ ބިން އިތުރަށް ބޮޑު ކުރެވެން ނެތްތަކެއްގައި، ތަރައްގީ އޮންނާނީ ހުއްޓިފައި ކަމެވެ. މިއަދު މާލެއަށް ކުރިމަތި ވެފައި އޮތް ހާލަތަކީ މިއީއެވެ.

ވަށައިގެން އޮތީ ކަނޑެވެ. އިތުރަށް ބިން ހިއްކައިގެން ބިމުގެ ވަސީލަތް ފުޅާކުރާކަށް ޖާގައެއް ނެތެވެ. އިތުރު ވިސްނުމަކުން ވިސްނާއިރު، ދެން ފުޅާކުރެވެން އޮތް ހަމައެކަނި ވަސިލަތަކީ، އިމާރާތްތައް މަތި މައްޗަށް އުފުލުމެވެ. އެހެނަންމަވެސް، ރަގަޅަށް ޕްލޭން ކުރެވިގެން ބިނާ ކުރެވިފައި ނެތް ސިޓީއެއްގައި، އިމާރާތްތައް ބުރި ބުރިއަށް ނަގައިގެން އެތަންތަނުގައި ތޮށްޖެހިގެން ދިރިއުޅެން ޖެހުމުން ކުރިމަތި ނުވެ ނުދާނެ އެތަކެއް މައްސަލަތަކެއް މިއަދު މާލެއިންނާއި، ހުޅުމާލެއިންނާއި، އަދި ވިލިމާލެއިން ދަނީ ފެންނަމުންވެ.

އެތައް އާއިލާއެއް، 600 އަކަފޫޓު ހަމަނުވާ ކުޑަ ޖާގައަކަށް ފެތިގެން، ދިރިއުޅެން ޖެހުމުން އިޖުތިމާޢީ އެތަކެއް ގިލަންވެރިކަމަކާ ކުރިމަތި ލާންޖެހި، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރިމަތި ނުވެނުދާނެ އެތަކެއް މައްސަލަތަކަކާއި ކުރިމަތިލާން ޖެހި، އާއިލާތައް ރޫޅި، ފިތުނަވެރިކަމާއި، ވައްކަމާއި، އަދި މިނޫނަސް މުޖުތަމައެއް ފަސާދަވެ ފަނާވެދިއުމަށް މަގުފަހިކޮށްދޭނޭ އެތައްކަމަކާއި ކުރިމަތި ލާން ވަނީ ޖެހިފައެވެ.

ކޮންމެއަކަސް، މިއީ މިއަދު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ވެރިރަށް މާލޭގެ ހާލަތެވެ. މިހާލަތުގެ އަސަރު އޮތީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ގައުމުގެ އާބާދީގެ %50 އަށްވުރެ ބޮޑުބައެއް އަމިއްލަ ގައުމުގައި ކުލި ދައްކައިގެން މެނުވީ ދިރިއުޅެވޭނެ މަގެއް ފަހިކޮށް ދެވިފައެއް ނެތެވެ. އަދި މިނޫންގޮތެއް ގައުމުގެ ރައްޔިތުންނަށް ފަހި ކޮށްދިނުމުގެ ވިސްނުމެއް، ފާއިތުވެދިޔަ އެއްވެސް ސަރުކާރެއްގެ ސިޔާސަތުތަކުގެ ތެރެއިން ފެނިގެން ގޮސްފައެއްވެސް ނެތެވެ.

މާލގައި ގިނަބަޔަކު ދުރި އުޅޭމުންދަނީ، ކުދި ކޮންކުރީޓް ޖަގަހަތަކުގައި އެތައް އާއިލައަކުން ބަހައިގެން ކުލި ދައްކައިގެން

 

ހައްލަކީ ކޮބާ؟

ފްލެޓް އަޅައިގެން އެތަންތަނުގައި ރައްޔިތު މީހާ ދިރިއުޅެން މަޖުބޫރު ކުރުވުމަކީ، ހަގީގަތުގައި ވަރަށް އަނިޔާވެރި ސިޔާސަތެކެވެ. ސަބަބަކީ، ރާއްޖެފަދަ ތަނެއްގައި، އަޅާ ފްލެޓްތަކުގެ ފެންވަރު އެހާމެ ދަށްވެފައި، އަދި ދިރިއުޅުމެއް އާރާސްތު ކުރުމަށް އެކަށީގެންވާ ވަރުގެ ފްލެޓްތަކެއް އަދި މިހާތަނަށް ރާއްޖޭގައި އަޅާފައި ނުވާތީއެވެ.

ރައީސް ޔާމިންގެ ދައުރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7000 ފްލެޓްގެ މަޝްރުއަކީ މީގެ ވަރަށް ފުރިހަމަ މިސާލެކެވެ.

ކޮތަރު ކޮށިތަކެއްގެ ގޮތުގައި މިތަންތަން ސިފަކުރެވިގެން ގޮސްފައިވަނީ، މިތަންތަން އާދަޔަ ޚިލާފަށް ސައިޒުން ކުޑަވުމުގެ ސަބަބަނުންނެވެ. އިންސާނުންނަށް ދިރިއުޅޭން އުދަގޫވާވަރަށް ސައިޒުން ކުޑަކޮށް ތަން އިމާރާތް ކޮށްފައިވާއިރު، ސަރަހައްދުގައި ކާރޫބާރޫ ބޮޑުވެ، މި 7000 ފްލެޓުގައި ދިރިއުޅޭ މީހުންގެ އުޅަދުތައް މުޅި ސަރަހައްދުގައި ޕާކްކުރަންޖެހޭ ޖެހުމަށް އެކަނި ވިސްނާލިއަސް، ޕާކު ކުރުންވެސް ސަރަހައްދުގައި ކާރިސާއަކަށް ބަދަލުވެގެން ނުދާނޭ ހަމަ އެއްގޮތެއްވެސް ފެންނާކަށް ނެތެވެ.

އަދި ހަމަ އެފަދައިން، ރާއްޖޭގައި މިހާތަނަށް އިމާރާތް ކޮށްފައިހުރި ފްލެޓްތަކުގެ ފަންވަރު ދަށްކަމާއި، ފްލެޓްތަކުގެ އުމުރު ކުރުވުމުގެ މައްސަލައަކީވެސް، ރާއްޖާގައި މީހުން ދިރިއުޅުމަށް އަޅަމުންދާ ފްލެޓްކާމެދު އިތުބާރު ގެއްލި، "ފްލެޓްގެ ދިރިއުޅުމަކީ" ހަގިގީ ދިރިއުޅުމެއް ނޫންކަން ވަރަށް ރަގަޅަށް ސާފުކޮށްދޭ އެއް ހަގީގަތެއްވެސް މެއެވެ.

މިހެން ކަން އޮތް އިރު، ގައުމުގައި ކުލި ދައްކައިގެން ދިރިއުޅެމުންދާ ބޮޑު އާބާދީއަށް ފްލެޓްތަކުގައި ދިރިއުޅުން ނޫންގޮތެއް ނެތްކަން ސަރުކާރުތަކުން ދައްކަމުންދާ ދިއުމަކީ، ސަރުކާރުތަކުން ވަމުންދާ ވަރަށްބޮޑު އިހުމާލެއްކަމުގައި ނޫނީ ދެންނެވެން އެބަ އޮތްތޯއެވެ.

ސަބަބަކީ، ކުރީ ސަރުކާރުން ހުޅު މާލޭގައި އަޅާދީފައިވާ ފްލެޓްތަކަށް، ކޮންމެ ފްލެޓަކަށް ދައްކަންޖެހޭ 600،000 އެއްހާ ރުފިޔާއަކީ، އަމިއްލަ ރަށުން، ނުވަތަ ރާއްޖޭގެ ބިން އޮތް ސަރަހައްދު ތަކުން ދިރިއުޅުމަށްޓަކާ ގޯތި ދޫކޮށް، އެއިން ގޮވައްޗެއްގައި އާދައިގެ ގެއެއް އަޅާލެވޭނެހާ ފައިސާ ކަމުގައި ވާތީއެވެ.

ކުދި ކުދި، އަދި މީހުން ފުރި ބާރުވެފައި އޮންނަ ރަށްތަކުގައި، ވަށައިގެން ތޮށި ލައި، ބަދަރު ހަދާ، މަގުތަކުގައި ތާރައަޅާ، މިގެންގޮސް ތަރައްގީއާއި ގުޅުވައިގެން ކުރަމުންދާހާ ބޮޑެތި ހޭދަތައް، ރާއްޖޭގައި ބިންބޮޑެތި ރައްތަކަށް، އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން، ހޭދަކޮށް، އެ ސަރަހައްދުތަކުން ބިން ދޫކޮށް، ގެދޮރުއެޅުމަށް ލޯން ދޫކޮށްގެން ނަމަވެސް އެހީތެރިކަމެއް ސަރުކާރުތަކުން ފޯރުކޮށްދީފިނަމަ، ރައްޔިތު މީހާއަށް، އޭނާ ކުރާ އިންވެސްޓްމަންޓުން، އަމިއްލަ ބިމެއްގައި ކުރެވިފައި ހުރި އިމާރާތެއް ލިބިގެން ދާއިރު، އެއީ އޭނާގެ ދަރިންނަށްޓަކާ ވެސް ހޯދާވޭ ދިރިއުޅުމަކަށް ވެގެން ދާނެއެވެ.

އެއާއި ޚިލާފަށް، ކޮންމެ ސަރުކާރަކުންވެސް، ފްލެޓްތައް އަޅާދީ، އެތަންތަން ތޮއްޖައްސާފަ، ވެރިކަމުން ފައިބައިގެން ދިއުމުން، ވެރީންގެ ޒިންމާ އަދާކުރެވުނީ ކަމުގައި ވެރިމީހާ ދެކުނު ކަމުގައިވި ނަމަވެސް، މި ސިޔާސަތުން ރައްޔިތު މީހާގެ ހާލަތު ބަދަލުވެގެނެއް ނުދެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް. ކޮތަރު ކޮށިތަކެއްގެ ގޮތުގައި މިތަންތަން ސިފަކުރެވެނީ ތަންތަން ސައިުން އާދަޔާ ޚިލާފަށް ކުޑަވީމަ

އިންސާނުން ދިރިއުޅޭން ހެޔޮ ނުވާވަރުގެ ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅެމުން، 20 އަހަރުން ތަނަށް ފައިސާ ދައްކާ ނިންމާލެވޭއިރު، ބޮލަށް ވެއްޓޭ ހާލަތުގައި ހުރިތަނެއް ތިމާއަށް މިލްކުވީ ކަމުގައި ވިނަމަވެސް، ހަގީގަތުގައި ތަނަށް ފައިސާ ދައްކާ ނިމޭހިސާބުން އަނެއްކާވެސް ތިމާއާއި ދަރީން މަގުމަތި ވަނީއެވެ. 20 އަހަރުވަންދެން ކުރި ދަތުރުގައި އަނެއްކާވެސް އަބުރާ ދާން މިޖެހުނީ ދަތުރު ފެށި ހިސާބަށެވެ.

މިއީ، ގައުމަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހި ކަމުގެ ކާރިސާއަށް ލިބިގެންދާ ހައްލެއް ނޫނެވެ.

 

ބޭނުމީ ހަރުދަނާ ސިޔާސަތެއް

ގައުމަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ކާރިސާއަށް މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ހޯދާ ދެވިފައެއް ނުވެއެވެ. އެއްވެސް ސަރުކާރަކުން  ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުމަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާ ދީފައެއްވެސް ނުވެއެވެ.

މިގޮތުން ފާއިތުވެދިޔަ ތަނުގައި، ހުރިހާ ސަރުކާރަކުންވެސް، ބޯހިޔާވަހިކަމަށް ހައްލު ހޯދާ ދިނުމަށް ޖަހަމުން އައި ހިސާބަކީ، ނުވަތަ ފޯމުއާއަލީ، ދިރު ނުއުޅޭވޭވަރުގެ ކުދި ކުދި ފްލެޓްތައް އަޅާދީގެން އެތަންތަން ތޮއްޖައްސައިގެން، ރައްޔިތުން ކާރިސާއެއްގެ ތެރޭގައި ބޭތިއްބުމުގެ ސިޔާސަތެވެ.

އަދި މިއީ ފެއިލްވެފައި އޮތް ސިޔާސަތެއްކަން، އދި ބޯހިޔާވަހިކަމުގެ މައްސަލަ ރާއްޖޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު، މިސިޔާސަތުން މައްސަލަ ހައްލު ނުކުރެވޭނޭ ސިޔާސަތެއްކަންވެސް އަދިވެސް އެއްވެސް ސަރުކާރަކަށް ދެނެގަނެވިފައި ނުވާކަމީވެސް ހައިރާންވާން ޖެހޭ ކަމެކެވެ.

ފެންނާއިން އޮތީ އެންމެ ހައްލެކެވެ. ތަރައްގީގެ މަޝްރޫޢުތަކުގެ ނަމުގައި ސަރުކާރުތަކުން ކުރަމުން އަންނަ ބޮޑެތި ހޭދަތަކުގެ މިސްރާބު ބަދަލުކޮށް، ރާއްޖޭގެ ބިން ބޮޑެތި ސަރަހައްދުތައް އާބާދުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމެވެ. ބިން ބޮޑެތިސަރަހައްދުތަކުގައި، ހޮސްޕިޓާތަކާއި، ސްކޫލްތަކާއި، އެއްރަޕޯޓުތައް އަޅާ، ރައްޔިތުންނަށް މިސަރަހައްދުތަކުން ގޮވަތި ދޫކޮށް، އެތަންތަނަށް ހިޖުރަކުރަން ރައްޔިތުންނަށް ދައުވަތުދީ، އެއްފަސްކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒު ކުރުމުވެ.

ހައްލަކީ، ފްކެޓްތަކުގައި، ހަތަރެސްކަން ގޮޅިއަކަށް މީހާ ފައްތާ، އުމުރުން 20 އަހަރު ލޯން ދެއްކުމަށް ދުއްވާލާ، މުސްކުޅިވާދުވަހު، ދަރިން މަގުމަތި ކުރުވާ ސިޔާސަތު ދުރަށްލާ، އެއްފަސްކުރުމުގެ ސިޔާސަތު ރާވާ ތަންފީޒު ކުރުމެވެ. ރައްޖޭގެ ބޮޑެތި ބިންތައް ތަރައްގީ ކުރުމެވެ. އެތަންތަނުގައި ވަސީލަތްތައް ގާއިމްކުރުމެވެ. އެއަށްފަހުން ރައްޔިތުންނަށް ދިރިއުޅެވޭނެ ބިންކޮޅެއް ސަރުކާރުން ފޯރުކޮށް ދިނުމެވެ. އަދި ގެދޮރު އަޅާދިނުމަށް ލޯން ދޫކޮށް، އާންމު ރައްޔިތުން އެތަންދަނުގައި ގެދޮރުވެރި ކުރުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ

ބޭނުންވަނީ، މި ސިޔާސަތު ކުރިޔަސް ނެރެ، ތަންފީޒު ކުރެވޭނޭ ކެރުންތެރިކަމާއި، ސިޔާސީ ހަކަތައެވެ. ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އެތައް ތަނެއްގެ ބިންގާ އަޅާނެމަކަމަށް ލިޔެދީފައި، ސިޔާސަތު ތަންފީޒު ނުކޮށް، އެބަޔާން އަޑުއައްސަވަން، އަތްޖައްސަވަން ތިއްބަވާ ވަޒީރުން ދުރަށް ލައްވާށެވެ. ބޭނުމީ، ވަށައިގެން ހިސާބު ޖަހާ، މިންކޮށްގެން، ސިޔާސަތު ރާވާލެވޭނޭ ވަރުގެ ވަރުގަދަ ސިކުޑި ތަކެކެވެ.

މިނޫން ހައްލެއް ފެންނާކަށް ނެތެވެ. ގައުމުގައި ހައްލު ހޯދާދޭން ޖެހިފައި މިވަގުތު އޮތް އެންމެ ބޮޑު ކާރިސާއަކީ ބޯހިޔާވަހިކަމުގެ ކާރިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.