ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ޗެމްޕިއަން ޕޯޗިގަލް އިން ހަންގޭރީގެ މައްޗަށް ކުރި ހޯދައިފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ރެކޯޑްތަކެއް ހަދާފައެވެ. އެއީ ޔޫރޯގެ މުބާރާތްތަކުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި، އެންމެ ގިނަ ޔޫރޯގައި ކުޅުމާއި ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑްތަކެވެ.
ހަންގޭރީގެ ޕުސްކަސް އޭރީނާގައި ކުޅުނު މި މެޗަކީ މިފަހަރުގެ ޔޫރޯގައި ދަނޑަށް އެއްކޮށް ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗެއެވެ. 11 ސިޓީއެއްގައި ޔޫރޯގެ މެޗުތައް ކުރިޔަށްދާއިރު، ގިނަ މެޗުތަކަށް ސަޕޯޓަރުން ވައްދަނީ ވަކި އަދަދަކަށެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ.
މި މެޗުގެ 80 ވަނަ މިނެޓުގައި ހަންގޭރީގެ ޝަބޮލްޒް ޝޯން ވަނީ ލަނޑެއް ޖަހާފައެވެ. ލަނޑު ޖަހާ އުފާފާޅުކުރަން ދުއްވައިގަތް ތަނާ ޝޯންއަށް ފެނުނީ ލައިންސްމަން މި ލަނޑު އޮފް ސައިޑް ކަމަށް ދިދަ ނަގައިގެން ހުއްޓައެވެ. މިކަމާއި ކުޅުންތެރިން ޝަކުވާ ކުރަން ފެށުމުން ވީއޭއާރުގެ އެހީތެރިކަމާއެކު ރެފްރީ ވަނީ އިތުރަށް މިކަން ޔަގީންވެސް ކޮށްފައެވެ.
މި މެޗުގައި ޕޯޗުގަލް އިން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން ޕޯޗުގަލް އަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ރަފައެލް ގަރޭރޯއެވެ. މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓީއާނޯ ރޮނާލްޑް ވަނީ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އަދި މި މެޗުގައި ރޮނާލްޑޯގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދެން އޮތީ ގްރޫޕް އެފްގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ޖަރުމަނު ބައްދަލުކުރާ މެޗެއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ގައެވެ.
ކޮމެންޓު ފޮނުވާ