މިހާރު ކުރިޔަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑް ބަލިކޮށް ސްލޮވާކިއާ އިން ފެށުން ރަނގަޅުކޮށްފިއެވެ.
ރަޝިއާގެ ޕީޓާސްބާގް ގައި އޮންނަ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދި ފުރަތަމަ ފަހަރެއެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްލޮވާކިއާ އިންނެވެ. މި ލަނޑަކީ މެޗުގެ 18 ވަނަ މިނެޓުގައި ސްލޮވާކިއާގެ މަކް ޕޮލެންޑްގެ ދެ ކުޅުންތެރިން ކައިިރިން ބީޓު ކުރުމަށްފަހު އޭރިޔާ ތެރެއަށް ގޯލަށް ފޮނުވާލި ބޯޅަ އަކުން ވަން ލަނޑެކެއެވެ. ނަމަވެސް ބޯޅަ ގޯލަށް ވަނީ ގޯލުގެ ދަނޑީގައި ޖެހި އަދި ކީޕަރ ގައިގައި ޖެހިފައި ކަމަށްވާތީ މި ލަނޑު ވެގެން ދިޔައީ ބައިކޮޅަށް ވަން ލަނޑަކަށެވެ. އެހެންކަމުން މި ލަނޑު ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި ކީޕަރެއް އަތުން ބައިކޮޅަށް ލަނޑެއް ވަން ފުރަތަމަ ފަހަރަށެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މިނެޓެއް ނުވަނީސް ޕޮލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެރޯލް ލިނޭޓީއެވެ. މި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވުމުން ޕޮލެންޑުން ވަނީ މެޗުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ ލީޑު ނަގަން މަސައްކަތްކޮށްފައެވެ. މި މަސައްކަތްތަކަށް އިތުރު ހުރަހެއް ދިމާވީ މެޗުގެ 63 ވަނަ މިނެޓުގައި ޕޮލެންޑްގެ ކްރިކޯވިއަކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެހިސާބުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިިޔަ ޕޮލެންޑް ކޮޅަށް ސްލޮވާކިއާ އިން ވަނީ 2 ވަނަ ލަނޑު ޖަހާ އަނެއްކާވެސް ލީޑު އަތުލާފައެވެ. މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސްކްރިނިއާއެވެ. މި ލަނޑަށް ފަހުވެސް މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޕޮލެންޑުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ސްލޮވާކިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދެން ކުރިޔަށް އޮތީ ގްރޫޕް އީ ގައި ދެން ހިމެނޭ ސްޕެއިން އާއި ސްވިޑެން ބައްދަލުކުރާ މެޗެއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެެވެ.
ކޮމެންޓު ފޮނުވާ