ވޭލްސް އިން ސްވިޒަލެންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

ވޭލްސް އިން ސްވިޒަލެންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

Author
ޔޫސުފް
12 ޖޫން 2021 08:26
0

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑް މޮޅުވާން ދަނިކޮށް ވޭލްސް އިން ލަނޑު ޖަހާ އެ ޤައުމު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

އަރަޒުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކީ ވޭލްސްގެ ފަރާތުންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ވަނީ ފެނިގެންގޮސްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ، ސްވިޒަލެންޑުންނެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ، އެމްބޯލޯ އެވެ. އޭނާ މި ލަނޑު ޖެހީ ޝަގީރީ ނަގައިދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވޭލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މި މަސައްކަތް ވޭލްސްއަށް ކާމިޔާބުކުރެވުނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ވޭލްސްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، މޯ އެވެ.

ސްވިޒަލެންޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މީގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށް ސްވިޒަލެންޑުން ވަނީ އެޓީމުގެ 2 ވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް ސްވިޒަލެންޑްގެ ފޯވާޑް މާރިއޯ ގަވްރަނޯވިޗް ޖެހި ލަނޑު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމުގައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ރޭ ތުރުކީގެ މައްޗަށް ކުރިހޯދި އިޓަލީއެވެ. އަދި ދެވަނައިގައި ވޭލްސް އޮތްއިރު، ތިން ވަނައިގައި އޮތީ ސްވިޒަލެންޑްއެވެ. ފުލުގައި އޮތީ ތުރުކީއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަދި 2 މެޗެއް ކުޅޭނެއެވެ. އެގޮތުން ގްރޫޕް ބީގައި ހިމެނޭ ޑެންމާކް އާއި ފިންލޭންޑް 9 ޖަހާއިރު ވާދަކުރާއިރު، މިރޭ 12:00 ގައި ބެލްޖިއަމް އާއި ދެކޮޅަށް ރަޝިއާ ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.