އެމެރިކާއިން ހިފަހައްޓާފައިވާ، ސައުތު ކޮރެއާއިން އިރާނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 16 މިލިއަން ޑޮލަރު ޔޫއެންއަށް ދެއްކުމުގެ ފުރުސަތު އެމެރިކާއިން އިރާނަށް ދިނުމާއި ގުޅިގެން، ޔޫއެންގައި އަލުން ވޯޓު ލުމުގެ ހައްގު އިރާނަށް ލިބިއްޖެއެވެ.
193 ގައުމު ހިމެނޭ ޔޫއެން ޖެނެރަލް އެސްމްބްލީގައި، ވޯޓު ލުމުގެ ހައްގު އިރާނަށް ފާއިތުވެދިޔަ ޖެނުއަރީމަހު ގެއްލިގެން ދިޔައީ، ޔޫއެންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވަނިކޮށެވެ. މިގޮތުން، މިހާތަނަށް، އިރާނުން ޔޫއެންއަށް 65 މިއަނަށްވުރެ ގިނަ ޑޮލަރުވަނީ ދައްކަން ޖެހިފައެވެ.
އެމެރިކާއިން، ދޫކޮށްފައިވާ 16 މިލިއަން ޑޮލަރަކީ، ޔޫއެން ޖެނެރަލް އެސެމްބްލީގަައި ވޯޓު ލުމުގެ ހައްގު ލިބިގަތުމަށްޓަކާ އިރާނުން ޔޫއެންއަށް ދައްކަން ޖެހިފައިވާ އެންމެ ކުޑައަދަދެވެ.
"އިރާނުން ވަނީ ދައްކަންޖެހޭ އެންމެ މަދު މިންވަރަށް ހުކުރު ދުވަހު ފައިސާ ދައްކާފަ،" އިރާނަށް އަލުން ވޯޓު ލުމުގެ ހައްގު ލިބިފައިވާކަން ހާމަ ކުރައްވަމުން، ޔޫއެންގެ ތަރުޖަމާން ފަރުހާން ހައްޤު ވިދާޅުވިއެވެ.
އިރާނުން ބުނެފައިވަނީ، ތެލުގެ ވިޔަފާރިން އެގައުމަށް ލިބެންޖެހޭ 20 ބިލިއަން ޑޮލަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018ވަނަ އަހަރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސައުތު ކޮރެއާ، އިރާގް އަދި ޗައިނާފަދަ ގައުމުތަކުގައި ވަނީ ހިފެހެއްޓިފައެވެ.
"ނުހައްގުން އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އަހަރެމެންގެ ރައްޔިތުންނަށްވަނީ ބެނުންވާ ބޭސްތައްވެސް ލިބޭނެ މަގު ބަންދުވެފައި، އަދި އެމީހުންވަނީ އިރާނުން ޔޫއެންއަށް ދައްކަންޖެހޭ ފީތައްވެސް ދެއްކުން މަނާ ކޮށްފަ،" އިރާނުން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ މާޖިދު ތަޚުތު ރަވާންޗި ވިދާޅުވިއެވެ.
"މެދުނުކެނޑި 6 މަސްވަންދެން ކުރެވުނު މަސައްކަތަށްފަހު، ޔޫއެންއިން މިއަދުވަނީ އެ ފައިސާ ލިބިފައިވާކަން ޔަގީން ކޮށްދީފައި."
ފައިސާ ދެއްކުމާއެކު، އިރާނުންވަނީ، ޔޫއެން ސެކިއުރިޓީ ކައުންސިލަށް ދާއިމީ 5 މަންދޫބުން އައްޔަން ކުރުމަށް ބޭއްވު ވޯޓުގައި ބައިވެރި ވެފައެވެ.
އިރާނުގެ ފޮރިންގ މިނިސްޓްރީން ކުރިންވަނީ، ޔޫއެންއަށް ދައްކަންޖެފައި ފައިސާ ދެއްކުމަށް، އެމެރިކާއިން ހިފަހައްޓާފައިވާ އެގައުމަށް ސައުތު ކޮރެއާއިން ލިބެންޖެހޭ ފައިސާ ބޭނުން ކުރެވިދާނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ