ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައިކޮމިޝަންތަކުގައި މައްސައްކަތް ކުރައްވާ، ފޮރިންގ ސާވިސްގެ މުވައްޒަފުންނާ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު މިރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ވުމަކީ، ދާދިފަހުން އެމަނިކްފާނު، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް އިންތިޚާބު ވެވަޑައިގަތުމާއި ގުޅިގެން، މަގާމް ކާމިޔާބު ކުރެއްވުމުގައި، ފޮރިންގ ސާވިސްގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާ ކުރެއްވުމަށްޓަކާ، ވާޗުއަލްކޮށް ބޭއްވި ބައްދަލު ވުމުކެވެ.
މި ބައްދަލު ވުމުގައި، ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް ދިވެހިރާއްޖެ އާދަޔާއި ޚިލާފް ބޮޑު އަޢުލަބިއްޔަތަކުން އިންތިޚާބު ވެގެންދިޔައީ، އެތަކެއް ދުވަހެއްވަންދެން މެދުނުކެޑި، ޚާރިޖީ ޚިދުމަތުގައި ތިއްބެވި މުވައްޒިފުން އެކަތިގަޑެއްގެ ގޮތުގައި ކުރެއްވި މިންނެތް އަގުހުރި މަސައްކަތުގެ ސަބަބުން ކަމުގައެވެ.
އަދި މި މަސައްކަތުގައި، ވަކީން ޚާއްސަކޮށް، ދިވެހިރާއްޖެއިން ޔޫއެންއަށް ކަޑައަޅާފައި ހުންނަވާ ދައިމީ މަންދޫބު ތިލްމީޒާ ހުސެއިން ކޮށްދެއްވި އަގުހުރި މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާކަމަށްވެސް ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުމާއެކު ޝާހިދު ވަނީ، އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް (ސްޕެޝަލް އެންވޯއީ) ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފިއެވެ.
މި ބައްދަލުވުމުގައި ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ، ފޮރިންގ ސާވިސްގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒިފުންގެވެސް އަމާޒަކަށް ވާންވާނީ، ޚިދުމަތަކަށް އެދިގެން އަންނަމީހާގެ ބޭނުންތައް އެންމެ ފުރަތަމަ ފުއްދައި ދިނުންކަމަށާއި، ޓީމް ޚާރިޖީއަކީ އަބަދުވެސް ގުޅިގެން މަސައްކަތް ކުރާ ޓީމަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި ވިދާޅުވީ، ޔޫއެންގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމަކީ، ރާއްޖެއަށް ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއް ކަމަށާއި، މިއީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ފުރިހަމަކަން ވަރަށް ރަގަޅަށް ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމުގައެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގެ 76ވަނަ ދައުރުގެ ރައީސްކަމަށް ފޮރިންގ މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތީ 191 މެމްބަރު ގައުމު ހިމެނޭ މި އެސެމްބްލީގެ 143 މެމްބަރު ގައުމުގެ ތާއީދާ އެކީއެވެ. މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިފައިވަނީ، 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.
ފޮރިންގ ސާވިސްގެ މުވަޒިފުންނާ ޝާހިދު ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވުނު މިބައްދަލުވުމުގައި ފޮރިންގ މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން، މިވަގުތު ނިއުޔޯކުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)ވެސް ބައިވެރި ވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ