ސަރުކާރުން ދެއްވާފައިވާ ސިޔާސީ މަޤާމެއްގައި ދެމިހުރިހާ ދުވަހަކު، ސަރުކާރު ދިފާއު ކުރުމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަށް ތާއީދުކޮށް މޫކޭ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަބައެއްގެ ފާޑުކިޔުން ވަނީ މޫސައަށް އަމާޒުވެފައެވެ. އެގޮތުން ރައީސް ނަޝީދަށް ދެވުނު ހަމަލާ ބެލުމަށް މަޖިލީހުން ކުރާ މަސައްކަތަށް ބިގޭ ހުރަސް އެޅުމުންވެސް އޭނާއަށް މޫކޭ ތާއީދުކޮށް ވާހަކަ ދެއްކުމަކީ އެމްޑީޕީ ހަލާކު ކޮށްލުމަށް ކުރާ މަސައްކަތެއްކަމަށް މޫކޭއާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް އެމްޑީޕީ މެމްބަރުން ވަނީ ބުނެފައެވެ.
ފާޑުކިޔުންތަކާއި ގުޅިގެން މޫކޭ ވިދާޅުވެފައިވަނީ އޭނާ ހުރި ސްޓޭންޑާއި، ހުރިގޮތް ވަރަށް ސާފުކަމަށެވެ. އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށްވާއިރު، ސިޔާސީ ގޮތުން ސަރުކާރަށް ކުރިމަތިވާ ހަމަލާތަކުގައި ބަސްބުނެ ސަރުކާރު ދިފާއު ކުރުމަކީ ކުރާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހުރި ސްޓޭންޑް އޮޅުން އަރާ ފަރާތްތަކަށް ސާފުކޮށްލަދޭން ބޭނުން. ކާލިޔަސް ސަރުކާރުގެ ސިޔާސީ މަޤާމެއްގައި ހުރިހާ ހިނދަކު ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެ. އެހެން ނޫނީ ސިޔާސީ މަޤާމުތަކުގަ ތިބުމުގެ މާނައެއްނެތް.
– މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވެފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ އަކީ ރ. އަތޮޅުގައި އެމްޑީޕީގެ ދިދަ ވިހުރުވާލި ހިތްވަރު ގަދަ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި ރ. އަތޮޅުގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް ކަމަށާއި، ސިޔާސީ މައިދާނުގައި ދެ ގޮތެއް ނުވާ އެމް.ޑީ.ޕީގެ މެމްބަރެއްކަމަށެވެ. އެހެންކަމުން އެނާ ގޯހެއް ނަހަދާނެކަމަށް މޫކޭ ވިދާޅުވިއެވެ.
ބިގޭއާއިމެދު ނުތަނަވަސްކަން އުފެދިފައިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއެވެ.
އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.
ކޮމެންޓު ފޮނުވާ