ކޯވިޑް19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު މިހާތަނަށް ރާއްޖެއިން 2 މީހަކު ނިޔާވެއްޖެ އެވެ.
ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ ރޭ 12:48ގަ އެވެ.
މި ބަލީގައި ދެން ނިޔާވެފައި ވަނީ ގދ. ތިނަދޫގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. މިއީ މިބަލީގައި ތިނަދޫއިން ނިޔާވި ފުތަމަ މީހާއެވެ. މި އަދަދު ތަކާއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވީ މީހުންގެ ޖުމުލަ ވަނީ 173 އަށް އަރައިފަ އެވެ. އެއީ 157 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ނިޔާވީ މިދިޔަ މަހުއެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 88 މީހުން މިބަލީގައި ރާއްޖޭގައި ނިޔާވިއެވެ. މީގެ އިތުރުން މިމަހުގެ ފުރަތަމަ 3 ދުވަސް ތެރޭ މިވަނީ 12 މީހަކު މިބަލީގައި ނިޔާވެފަ އެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތައް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ