ޗައިނާގެ ބޮޑު ޓެކް ކުންފުނި ހުއާވޭއިން، މޯބައިލް ފޯނުތަކަށް ޚާއްސަ އެ ކުންފުނީގެ އޮޕަރޭޓިންގ ސިސްޓަމް "ހާމަނީ އޯއެސް" ބުދަ ދުވަހު ތައާރަފް ކޮށްފިއެވެ.
ހުއާވޭއިން އަދި ވެސް މަސައްކަތް ކުރަމުންދަނީ، މީގެ 2 އަހަރުކުރިން އެމެރިކާގެ އޭރުގެ ސަރުކާރުން ޗައިނާގެ މި ޓެލެކޮމިއުނިކޭޝަން ކުންފުނި އެމެރިކާގެ "ޓްރޭޑް ބްލެކް ލިސްޓް"ގައި ހިމެނުމާއި ގުޅިގެން ގޫގުލްގެ މޯބައިލް ސާވިސްގެ ޚިދުމްތަތަކުން އެ ކުންފުނި މަހުރޫމް ވެގެން ދިއުމުން އެކުންފުންޏަށް ކުރިމަތިވެގެންދިޔަ ދަދިތަކުން އަރައިގަތުމަށެވެ.
ޗައިނާގައި ގާއިމްވެފައިވާ ކުންފުންޏެއްކަމުގައިވާ، ޝެންޒެންއިން ހާމަ ކޮށްފައިވާ ގޮތުގައި، 100 ވަރަކަށް، ހުއާވޭގެ ސްމާރޓް ފޯނުގެ މޮޑެލްތަކުގައި އެ ކުންފުނީގެ ހާމަނީ އޯއެސް ސިސްޓަމް ބޭނުން ކުރަން ފެށޭއިރު، މި އޮޕަރޭޓިންގ ސިސްޓަމް ބައެއް ޓެބްލެޓްތަކާއި އަދި ސްމާރޓް ސްކްރީންތަކުގައި، މިއަހަރުގެ 4 ވަނަ ކުއާޓަރއިން ފެށިގެން ބޭނުންކުރެވެން ފަށާނެއެވެ.
ހުއާވޭއިން އެކުންފުނީގެ މުޅިންއާ އޮޕަރޭޓިން ސިސްޓަމް ލޯނޗު ކޮށްފައިވާއިރު، ހުއާވޭ ކުންފުނި އަދިވެސް ވަނީ، ގޫގުލްގެ ޚިދުމަތައް ހިމެނޭގޮތުން، އެމެރިކާގެ ޓެކްނޮލޮޖީތައް ބޭނުންކުރުން އަދިވެސް މަނާކުރެވިފައެވެ. އަދި މީގެ އިތުރުން ހުއާވޭގެ ޑިވައިސްތަކަށް ބޭނުންވާ ޕަވަރ އުފެއްދުމަށްޓަކާ، އެމެރިކާގައި އުފައްދާ ބައެއް ކޮމްޕިއުޓަރ ޗިޕްތައްވެސް އަދިވެސް ބޭނުންކުރުން ހުއާވޭއަށް ވަނީ މަނާކުރެވިފައެވެ.
މި ވަސީލަތްތައް ބޭނުން ކުރަން އެމެރިކާގެ ސަރުކާރުން ހުއާވޭއަށް މަނާކޮށްފައިވަނީ، ޗަައިނާއިން އެމެރިކާގައި ޖާސޫސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މިވަސީލަތްތަކުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް މި ހުރިހާ ތުހުމަތުތަކެއްވެސް ހުއާވޭއިންވަނީ ދޮގުކޮށްފައެވެ.
އެމެރިކާއިން އެގައުމުގެ "އެންޓިޓީ ލިސްޓު" (ޓްރޭޑް ބްލެކް ލިސްޓު)ގައި ޓެލެކޮމިއުނިކޭޝަން އާލާތްތަކާއި އަދި ސްމާޓް ފޯނު އުފެއްދުމަށް މަޝްހޫރު މި ކުންފުނި ހިމަނާފައި ވުމާއި ގުޅިގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހުއާވޭއާއެކީ ކުރުން އެމެރިކާ ކުންފުނިތަކަށް ވަނީ މަނާކުރެވިފައެވެ. އަދި އެމެރިކާ ސަރުކާރުން ހުއާވޭ ކުންފުނި އެގައުމުގެ ބްލެކް ލިސްޓް ކުރުން ވެގެންދިޔައީ އެކުންފުންޏަށް ކުރިމަތި ވެގެންދިޔަ ތަހައްމަލް ކުރަންދަތި ގޮންޖެހުމަކަށެވެ. ސަބަބަކީ އެހާތަނާއި ޖެހެންދެންވެސް، އެކުންފުންޏަށް ބޭނުންވާ މުހިންމު ބައެއް ޓެކްނޮލޮޖީތަކުގެ ބޭނުން ކުރުން ހުއާވޭއިން ބަރޯސާ ވަމުންދިޔައީ އެމެރިކާގެ މާރކެޓްތަކަށްކަމަށް ވާތީއެވެ.
"ހާމަނީ އޯއެސް ބޭނުންކުރާ މީހުންގެ ތަޖުރިބާތަށް މިހާރު ހުންނާނީ، އެންރޮއިޑްގެ ޖަމާނުގެ ތަޖުރިބާތަކަށްވުރެ މާކުރީގައި. އެންރޮއިޑްގެ އޯއެސްގެ ޒަމާނުގެ އެންމެ މުހިންމު މައްސަލަތައް ކަމަށްވާ، ފޯނު ލަސްވުން ފަދަ އެތަކެއް މައްސަލަތަކަށް އަހަރެމެން ހުންނާނީ މި އޮޕްރޭޓިންގ ސިސްޓަމްގައި ހައްލު ހޯދާދީފައި،" ޕްރޮޑަކްޓް ލޯންޗު ކުރުމަށް އޮންލައިކޮށް ބޭއްވުނު އިވެންޓުގައި ވާހަކަ ދައްކަވަމުން، ހުއާވޭގެ ކޮންޒިއުމާ ޔުނިޓްގެ ސީއީއޯ ރިޗާޑް ޔޫ ވިދާޅުވެފައި ވެއެވެ.
"ވަރުގަދައަށް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ފަންކްޝަންތައް ހުރުމާއި، އަދި އެއްވަރެއްގައި ވަރުބަލި ވުމެއްނެތި މަސައްކަތް ކުރުމުގެ ގާބިލްކަން މި އޮޕަރޭޓިން ސިސްޓަމަށް ލިބިފައިވާއިރު، މި އޮޕަރޭޓިންގ ސިސްޓަމަކީ، މިހާރު އިންޓަނެޓްގައި ލިބެން ހުންނާނެ އެންމެ ވަރުގަދަ އޮޕަރޭޓިންގ ސިސްޓަމަށް ވެގެން ދާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
އެއް އިރެއްގައި ދުނިޔޭގައި އޮތް އެންމެ ބޮޑު، ސްމާޕްޓް ފޯން އުފައްދާ ކުންފުނީގެ މަގާމްގައި އޮތް ހުއާވޭ ކުންފުނި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކައެކު، ފާއިތުވި އަހަރުވަނީ، އެންމެ ވަރުގަދަ 5 ކުންފުނީގެ ތެރޭގައިވެސް ނުހިމެނިފައެވެ. މާރކެޓް ރިސާޗް ފާމެއްކަމުގައިވާ ކެލަނިސްގެ ޑާޓާތަކަށް ބަލާއިރު، ކުރިން ހުއާވޭ ހިފެހެއްޓި މަގާމް، ފަހުން ލިބިގެން ގޮސްފައިވަނީ، ސައުތު ކޮރެއާގެ ސެމްސަންގ ކުންފުންޏަށެވެ.
އަދި، ފަހުން، މުޅި ދުނިޔޭގައި ވިޔަފާރި ކުރެވޭ ނިސްބަތަށް ބަލާއިރި، ޗައިނާގެ ސްމާޓް ފޯނު އުފައްދާ ކުންފުނިތައް ކަމުގައިވާ ޒިއާއޯމި، އޮއްޕޯ އަދި ވިވޯއިން ވަނީ ހުއާވޭ ފަހަތައް ޖައްސާލާފައެވެ. ސްމާޓް ފޯނުގެ ވިޔަފާރު ކުރެވޭ ނިސްބަތަށް ބަލާއިރު، ހުއާވޭ މިހާރު ހިމެނެނީ، މުޅި ދުނިޔެއިން 7 ވަނަ އަދި ޗައިނާގައި 3 ވަނާއިގައެވެ. ފާއިތުވެދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުއާވޭގެ ސްމާޓްފޯނު ޝިޕްމަޓްތަކުގެ ނިސްބަތްވަނީ %50އިން ދަށަށް ގޮސްފައެވެ.
އެމެރިކާއިން ހުއާވޭއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ފާއިތުވި ނޮވެމްބަރުމަހު، ހުއާވޭއިންވަނީ، އެ ކުންފުނިން އުފައްދަމުންއައި ބަޖެޓް ސްމާރޓް ފޯނު މޮޑެލްއެއް ކަމުގައިވާ ހޮނަރ ބްރޭންޑްގެ ސްމާޓް ފޯނުން ވިއްކާލާފައެވެ.
ކޮމެންޓު ފޮނުވާ