އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކުރީ ރައީސްގެ އެންގެވުމަށް

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކުރީ ރައީސްގެ އެންގެވުމަށް

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކޮށްފައިވަނީ، ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ އެންގެެވުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުންވެސް ބަލަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން މި ހަމަލާއާ ގުޅިގެން، ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އެކަމަށް ހާއްސަ ޓީމެއް، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ އެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

ސިފައިންގެ އެސްޕީޖީއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ މޭޖާ މޫސާ ރަމީޒު އެވެ.

މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން އެމަނިކުފާނަށް ނުރައްކާތެރި އެތައް އަނިޔާއެއް ލިބި އޭޑީކޭ ހޮސްޕިޓަލުން ގިނަ ސަރޖަރީތަކެއް ހަދާފައި ވެއެވެ. އަދި މިހާރު ހުންނެވީ އިތުރު ފަރުވާހޯއްދެވުމަށް ޖަރުމަނު ވިލާތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *