ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
28 މެއި 2021 10:55
0

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެއިންނެވެ. އޭނާ ހުޅުމާލެއިން ހައްޔަރުކޮށްފައިވާއިރު، ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްވެސް ބަލާ ފާސްކޮށްފައިވެއެވެ.

މާލޭގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މީގެ ކުރިން މާލެއިން 3 މީހަކު އަދި ބ.ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާފައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ހައްޔަރުކޮށްފައިވަނީ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މި ދެމީހުންގެ ތެރެއިން ތަހްމީނަކީ މި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ.

ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުވެސް ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކޮށްގެން އެނާ ދިރިއުޅޭ އެޕާޓްމެންޓްގެ ތެރޭގައި އުޅެނިކޮށެވެ. އަދި ހަމަލާގެ ތުހުމަތުގައި ބ.ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ ޢުމުރުން 23 އަހަރުގެ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހުއެވެ.

އަދުހަމްއަކީ ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި އަދި މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓްއެވެ. މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސް ވޯކްވޭ ތެރޭ ހުރެ މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ހުރެ ރައީސް ނަޝީދުގެ ހަރަކާތްތައް ބެލުމަށްފަހުކަން ފުލުހުން އާއްމުކުރި ސީސީޓީވީ ފުޓޭޖްތަކުން ފެނެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

މި ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެލާޓް ލެވެލްވެސް ވަނީ މަތިކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.