ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިރޭ މީރުމާ ހޮޓެލްގައި ބާއްވަން ނިންމައިފި އެވެ.
މި ކޮންގްރެސްގައި ފުޓްބޯޅައިގެ ކުރިއެރުމަށް މުހިންމު ތިން ކަމަކަށް މެންބަރުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެގޮތުން، އެފްއޭއެމްގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގޮތެއް ނިންމުމަކީ އެންމެ ބޮޑު އެއް އެޖެންޑާ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ފުޅާކޮށް ތަރައްގީކުރުމުގެ ބޭނުމުގައި، އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތަކެއް އުފެއްދުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ނިންމުން ކޮންގްރެސްއިން ފާސްކުރުމަށް ވެސް ހުށަހަޅާނެ އެވެ. މި ނިންމުމަކީ ރާއްޖޭގެ އަތޮޅުތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ފުޅާކުރުމަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
ތިންވަނަ އެޖެންޑާއަކީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން އެކުލަވާލާފައިވާ ހަތަރު އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމެވެ.
މީގެ އިތުރުން، މާޗް މަހުގެ ހަތަރެއްގައި ބޭއްވި އެންމެ ފަހުގެ އޯޑިނަރީ ކޮންގްރެސްގެ ޔައުމިއްޔާ ފާސްކުރުމަށް ވެސް މިރޭގެ ކޮންގްރެސްގައި ވޯޓަށް އަހާނެ އެވެ. މިރޭގެ ކޮންގްރެސް ބާއްވަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރީ މި މަހުގެ ހަތަރެއްގައި ބޭއްވި ބައްދަލުވުމުގަ އެވެ.
ކޮމެންޓު ފޮނުވާ