ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 71 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 4 ވަނަ މިހާއެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި 148 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 132 ދިވެހިންނާ 16 ބިދޭސީންނެވެ.
ކޯވިޑްގައި މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ފަރުވާދެމުން އައި 3 މީހަކު ނިޔާވެފައިވާއިރު، ހެނދުނު ވަނީ އައްޑޫއިންވެސް މީހަކު މިބަލީގައި ނިޔާވެފައެވެ.
މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 86 މީހުން މިވަނީ ނިޔާވެފައެވެ. އެއީ 77 ދިވެހިންނާ 8 ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ