ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އެންމެން ޕޮޒިޓިވްވިޔަސް، ތަހުގީގު ނުހުއްޓޭ: ފުލުހުން

ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އެންމެން ޕޮޒިޓިވްވިޔަސް، ތަހުގީގު ނުހުއްޓޭ: ފުލުހުން

Author
މުޙައްމަދު ޖިމީ
25 މެއި 2021 07:15
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންނާއި، ތަހުގީގް ކުރިއަށްގެންދާ ބައެއް އޮފިޝަލުން ކޯވިޑަށް ޕޮޒިޓިވްވެފައި ވީނަމަވެސް، ތަހުގީގު ނުހުއްޓި ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކާ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާކަމަށާއި، ނަމަވެސް ކޯވިޑް-19ގެ މި ޙާލަތުގެ ސަބަބުން ތަޙްޤީޤުގެ ކަންކަން އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށްގެންދިއުމަށް ދަތިތަކެއް ހުރިކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި އެންމެނާއި، ތަޙްޤީޤު ޓީމުގައި ހިމެނޭ ގިނަ އޮފިސަރުންތަކެއްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މައްސަލައަކީ ފުލުހުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ބަލަމުންދާ މައްސަލައެއްކަމަށާއި، މި މައްސަލައިގެ ތަޙްޤީޤުގެ ކަންކަމުގައި މިހާތަނަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ތަޙްޤީޤު ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، ނަމަވެސް ތަޙްޤީޤުގެ ސްޕީޑް އެންމެ ބޭނުންވާ މިންވަރަށް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން އެހެން ވިދާޅުވިނަމަވެސް، ފުލުހުން ބުނީ، ތަހުގީގް ނުހުއްޓި ކުރިއަށްދާކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާއި ގުޅިގެން މި މައްސަލައިގައި މިހާތަނަށް 4 މީހަކު ހައްޔަރުކޮށް، މިކަމުގެ ވަށައިގެންވާ ގިނަ ކަންތައްތަކާ ހަމައަށް ވާޞިލުވެވިފައިވާކަމަށެވެ. އަދި މުޅި ތަޙްޤީޤު ބިނާކޮށްފައިވަނީ މިކަމުގައި ބައިވެރިވި، އެހީތެރިވި، އަދި ފަންޑުކުރި ބަޔަކު ތިބިނަމަ، އެބަޔަކުވެސް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްކަމަށާއި، އެކަންކަމަށްވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ،ވ. ވ.ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދާއި، މއ.ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ.ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)އެވެ. މީގެ އިތުރުން އެ ހަމަލާގެ ތުހުމަތުގައި ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު ފާތިހުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.