ކުންފުންޏެއްގައި ޑރ.ޙުސައިންގެ ހިއްސާ އޮތުމުން ރުހުން ދިނުމަށް ލަފާހޯދަނީ

ކުންފުންޏެއްގައި ޑރ.ޙުސައިންގެ ހިއްސާ އޮތުމުން ރުހުން ދިނުމަށް ލަފާހޯދަނީ

Author
މުޙައްމަދު ޖިމީ
25 މެއި 2021 04:16
0

ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވާ ޑރ.ޙުސައިން ރަޝީދު ޙަސަނގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހއިްސާ އޮތުމުން، އެމަނިކުފާނަށް ރުހުން ދިނުމުގެ ކުރިން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް، ޑރ.ޙުސައިން ފިޝަރީޒްއަށް ބަދަލުކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ.  އަދި އެންވަޔަރަމްޏް މިނިސްޓަރަކަށް ވަނީ އައިމިނަތު ޝައުނާ އައްޔަންކުރައްވާފައެވެ. އަދި އެ ދެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ފޮނުވާފައެވެ. ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީންނެވެ.

އެބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ވަނީ ވުޒާރާތަކުން މަޢުލޫމާތު އެއްކޮށްފައެވެ. އެގޮތުން މިއަދު އޮންލައިންކޮށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝޭއާރ ހޯލްޑަރެއްކަން  އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިއުންތަކުން ހާމަވެފައެވެ.

މިއާއެކު ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު ވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރެއްވިއިރުވެސް އެފަދަ މައްސަލައެއް ފެންމަތިވިކަން ފާހަގަކުރައްވާފައެވެ.

ޑރ.މައުސޫމް އަމިއްލަ ކުންފުންޏެެއްގެ މެނޭޖިންގ ޑިރެކްތަރުކަމުގައި ހުންނެވުމުން އޭނާއަށް ރުހުން ދީފައިވަނީ މިނިސްޓަރުކަމުގެ ހުވާ ކުރުމުގެ ކުރިން ކުންފުނިން އިސްތިއުފާދެއްވާ އަލުން ހުވާ ކުރުމުންނެވެ.

ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫން ވެސް މަގާމެއް ފުރައިގެން ނުވާނެކަމަށެވެ.

މިކަމަށް އިޝަރަތްކުރައްވާ ފަލާހު ވަނީ މަޖިލީހުގެ ކައުންސިލް ޖެނެރަލް އަދި ރައީސް އޮފީހުގެ ބަހެއް ހޯއްދެވުމަށް ނިންމަވާފައެެވެ. މުގައްރިރުގެ އެ ހުށައެޅުމަށް ކޮމިޓީގެ މެންބަރުން ވަނީ އިއުތިރާފްވެފައެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑާޓަށް ގެނައި ބަދަލުވެސް ދިރާސާކުރައްވާފައެވެ. އެންވަޔަރަމަންޓް މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވީ ކޮމިއުނިކޭޝން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އެންވަޔަރަމަންޓާއި އެއްކޮށްލާ އެ މިނިސްޓްރީގެ މެންޑޭޓަށް ބޮޑު ބަދަލެއް ގެންނެވުމަށްފަހުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓަށް ގެނައި ބަދަލަށް ކޮމިޓީން ވަނީ ރުހުން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.