އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
25 މެއި 2021 01:32
0

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒިޔަތު މިމަހުގެ 12 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ، ރައްޔިތުންގެ މަޖިލީހުން ޢާންމުކުރި އެމްއެމްޕީޢާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ނަން ހިމެނިފައިވުމުންނެވެ.

ރައީސް އޮފީހުން ބުނީ، އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތލައްވާ ފަރާތްތަކުގެ ޝަރުތުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި:

  • މުސްލިމަކު ކަމުގައިވުން.
  • ދިވެހި ރައްޔިތަކު ކަމުގައިވުން.
  • ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.
  • އުމުރުން 35 އަހަރު ވެފައިވުމާއެކު، 65 އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން.
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

މީގެ އިތުރުންވެސް އެ މަޤާމަށް ކުރިމަލާ ފަރާތްތަކީ، އޮޑިޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވާން ޖެހޭނެކަމަށާއި، އެގޮތުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.