އަސްރާ ބޭނުން ނުވިޔަސް ތަހުޤީޤު ކުރިއަށްދާނެ: ފުލުހުން

އަސްރާ ބޭނުން ނުވިޔަސް ތަހުޤީޤު ކުރިއަށްދާނެ: ފުލުހުން

Author
މުޙައްމަދު ޖިމީ
24 މެއި 2021 06:53
0

ކެނދިކުޅުދޫ ރާއިރާގެ މެމްބަރު އަހުމަދު އީސާއާއި ދެކޮޅަށް އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ އެދުނުނަމަވެސް، ތަހުގީގު ކުރިއަށްދާނެކަމަށް ފުލުހުން ބުނެފިއެވެ.

ގެވެށި އަނިޔާގެ ތުހުމަތު އީސަގެ މައްޗަށް ކުރުމަށްފަހު، އަސްރާވަނީ މިމައްސަލަ އިތުރަށް ކުރިއަށްނުގެންދަން ބޭނުންނުވާތީ ފުލުސް އޮފީހުގައި އެކަމަށް އެދިފައެވެ. އަސްރާ އެގޮތަށް އެދިފައިވާ ދަރިފުޅުގެ މަސްލަހަތަށްޓަކައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅޭގޮތުން އަސްރާ އިތުރަށް ވާހަކަދައްކަން ބޭނުމެއް ނުވިއެވެ.

ފުލުހުން ބުނީ ޖިނާޢީ މައްސަލަތަކުގައި ވަކި މީހަކު ބުނެގެން ތަހުގީގް ހުއްޓާނުލާނެކަމަށާއި، މައްސަލައިގެ ތަހުގީގް ކުރިއަށްދާނެކަމަށެވެ.

މެންބަރު އީސަގެ މައްޗަށް އަސްރާ ތުހުމަތުކޮށްފައިވަނީ، އޭނާއަށް އަނިޔާކޮށް މާރާމާރި ހިންގިކަމުގެ ތުހުމަތެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު، ބެލްކަނިން ބޭރަށް އެއްލާލަން އުޅުމުގެ ތުހުމަތެވެ. މި މައްސަލާގައި އަސްރާވަނީ ފުލުހުންނަށް އީސައާއި ދެކޮޅަށް ބަޔާންވެސް ދީފައެވެ.

އަސްރާ ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި، މި މައްސަލައާއިގުޅޭގޮތުން ކުރިން ޕޯސްޓެއް ކޮށްފައެވެ. އޭގައި ވަނީ، އެ ހާދިސާއިން އޭނާއާއި، ދަރިފުޅަށްއުނދަގޫ އިހްސާސްތަކެއް ކުރަންޖެހުނުކަމަށެވެ. އަދި މިއީ ކުރިމަތިވެދާނެކަމަށް ކުރިން ދުވަހަކުވެސް ހީކުރި ތަޖުރިބާއެއް ނޫންކަމަށްވެސް އަސްރާ ވިދާޅުވެފައިވެއެވެ. އަސްރާ އަކީ ނާއިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.

މިމައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ފުލުހުންގެ އެދުމުގެ މަތީން ޕީޖީން ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ކޯޓު އަމުރުދީފައި ނުވެއެވެ. މިމައްސަލަ އަލުން އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.